ރައްޔިތުންގެ މަޖިލިސް

ދެކޮޅަށް ކެނޑި ގަރާޖު ސިޓީގެ މައްސަލަ މިހާރު އޮތް ގޮތަށް ބާއްވަން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވައިފި

އިބްރާހިމް ޒަކީ

އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާ އިރު އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތްކަން އެންގުމަށް ހުށަހަޅަން ޖެހޭ ލިޔުން ކަމަށްވާ، ގަރާޖު ސިޓީ ހުށަހަޅަން ނުޖެހޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި ބިލު ފާސް ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ފާސްކޮށް އެބިލު މަޖިލިސް ތަޅުމަށް ފޮނުވައިފިއެވެ.

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 13 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށް މެންބަރު ނަޝީދު ހުށަހެޅުވި ބިލުގައި ވަނީ، ރާއްޖޭގައި އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމިއްލަ ފަރާތެއްގެ ގަރާޖެއްގައި، ނުވަތަ އަމިއްލަ ފަރާތެއްގެ އެނޫންވެސް ތަނެއް، ނުވަތަ ބިމެއްގައި އެ އުޅަނދު ބޭއްވުން ލާޒިމް ވެގެން ނުވާ ކަމަށެވެ.

ގާނޫނަށް މި އިސްލާހު ގެންނަން ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައި ވަނީ ގަރާޖުގައި ވެހިކަލް ބާއްވާނެ ކަމުގެ ލިޔުމެއް ހުށަހަޅަން ޖެހޭ ކަމަށް އޮތުމުން ބައެއް ފަރާތްތަކުން ބޮޑު އަގުގައި އެ ލިޔުން ވިއްކަމުން ގެންދާ މައްސަލައަަށް ހައްލެއް ގެނައުމަށް ކަމަށެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުމުން ބަހުސް ކުރުމަށްފަހު، އިތުރަށް ދިރާސާ ކުރުމަށް ފުރަތަމަ ފަހަރު ކޮމިޓީއަށް ފޮނުވުމުން، ބިލު މަޖިލިސް ތަޅުމަށް ފޮނުވީ ފާސްކުރަން ނިންމުމަށްފަހު އެވެ. ނަމަވެސް އެފަހަރު މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށްފަހު، ބިލު ފާސް ނުކޮށް ބިލު އަލުން ކޮމިޓީއަށް ފޮނުވީ އޭޕްރީލްމަހުގެ 29 ވަނަ ދުވަހު އެވެ.

ބިލު ފާސް ނުކުރަން މިފަހަރު ކޮމިޓީން ނިންމި ނަމަވެސް، މަޖިލީހަށް ބިލު ހުށަހެޅި މަގުސަދު ހާސިލު ކުރުމަށް މާލޭ ސިޓީ ކައުންސިލާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މައްޗަށް ކަންތައްތަކެއް އިންތިޒާމު ކުރުމަށް ލާޒިމް ކުރަން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އޭގެ ތެރޭގައި އުޅަނދުފަހަރު ޕާކު ކުރުމަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އާއްމު ރައްޔިތުންނަށް ދިމާވާ ދަތި އުނދަގޫތަކާއި، މާލީ ތަކުލީފުތަކަށް ހައްލެއް ލިބޭނެ ގޮތަށް ކަންތައްތައް ހަމަޖެއްސުމާއި ޕާކިން ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ލިބޭ ގޮތަށް ކަންކަން އިންތިޒާމު ކުރުން ހިމެނެއެވެ.