ޚަބަރު

ހިޔާގެ ކުދިންތަކެއް ބިޑި އަޅުވައި ޓޯޗާގެ އަމަލެއް ހިންގިކަމުގެ ތުހުމަތަށް 13 ފުލުހަކަށް ދައުވާ އުފުލައިފި

ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް ބިޑި އަޅުވައި، ޓޯޗާގެ އަމަލެއް ހިންގިކަމުގެ ތުހުމަތަށް 13 ފުލުހަކަށް ދައުވާ އުފުލައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު މިއަދު ވިދާޅުވީ، އެ 13 ފުލުހުންނަކީ އެކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ހެލި ލިބުނު ފުލުހުން ކަމަށެވެ. އަދި ހިޔާގައި ތިބޭ ކުދިންނަކީ ދައުލަތުން ހާއްސަ ހިމާޔަތެއް ދޭންޖެހޭ ބައެއް ކަމަށް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެމީހުންނަށް އުފުލާފައި ވަނީ ރަހުމުކުޑަ، ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ، އަދަބެއްގެ ގޮތުގައި އަންނާނީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

މި މައްސަލައަކީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 20 އިން 22 އަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެގެން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ތިބި 12 އަހަރުން މަތީގެ ކުދިންތަކަކަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕެއްގައި އެކި ކަހަލަ އަނިޔާތަށްކޮށް، ޓޯޗާގެ އަމަލު ހިންގި މައްސަލައެކެވެ.

މި މައްސަލައިގައި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރަށްވެސް ތުހުމަތުކުރިއެވެ. ނަމަވެސް އެމީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިނުވާތީ، އެ ދެ މީހުންގެ މައްޗަށް ދައުވާ ނުކުރާން ވަނީ ނިންމައިފައެވެ.