ބާސެލޯނާގެ ކޯޗުކަމާ ހަވާލުވެ، ޒަވީ ހެނާންޑޭޒް ކްލަބުގެ ކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ވަކި ހާއްސަ އުސޫލުތަކެއްގެ ތެރެއިން ފަށައިފިއެވެ.
ކްލަބަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، ކްލަބާއެކު އެތައް ކާމިޔާބީއެއް ހޯދާފައިވާ ޒަވީ ކޯޗުކަމާ ހަވާލުވެ ފުރަތަމަ ތަމްރީނުތަކަށް ނުކުތީ އަންގާރު ދުވަހުއެވެ. އަންގާރަ ދުވަހު ސްކޮޑާ ބައްދަލުކޮށް ޒަވީގެ ހާއްސަ އުސޫލުތައް އޭނާ ކުޅުންތެރިންނަށް ކިޔައިދީފައިވާ ކަމަށް ސްޕެއިންގެ އެންމެ ވަރުގަދަ ނޫސް "މަރްކާ"އިން ބުނެފައިވެއެވެ.
އެ ނޫހުން ބުނެފައި ވަނީ ހެނދުނު 11:00 ގައި ފަށަން އޮތް ފަރިތަކުރުންތަކަށް ބާސާގެ ކުޅުންތެރިންނަށް ޒަވީ ކިޔާފައިވާ ގަޑިއަކީ 9:00 ކަމަށެވެ. ޓްރެއިނިން ސެންޓަރު ސިއުޓާތު އެސްޕޯޓިވާއަށް ކުޅުންތެރިން ދިއުމުގެ ބައިގަޑި އިރު ކުރިއަށް ޒަވީ ކޯޗިން ސްޓާފުން ގެންގޮސްފައިވާ އިރު، ޒަވީ ބޭނުންވަނީ ޑިސިޕްލިން ދަމަހައްޓައި، ވަކި އުސޫލުތަކެއް ގާއިމުކުރަން ކަމަށް ނޫސްތަކުން ބުނެއެވެ.
މިވަގުތު ބާސާގެ ގިނަ ކުޅުންތެރިންވެސް ގައުމީ ޓީމުތަކުގައި ފަރިތަކުރަމުންދާ އިރު، މިހާރު ސްކޮޑުގައި ތިބި ކުޅުންތެރިންގެ އިތުރުން ބީ ޓީމުގެ ބައެއް ކުޅުންތެރިންނާއެކު ޒަވީ މިހާރު ވަނީ ތަމްރީނުތައް ފަށައިފައެވެ. ތަމްރީނުތަކުގެ ކުރިން ޓީމާ ވާހަކަދައްކަމުން ޒަވީ ބުނީ ރަނގަޅަށް ރެސްޓް ކުރުމުގެ އިތުރުން ގަވާއިދުން ނިދުމުގެ އާދައަށް ވިސްނަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ކްލަބުގެ ފެސިލިޓީތަކުގައި ވަގުތު ހޭދަކުރުމުގެ މުހިއްމުކަން ޒަވީގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ. އަދި ގަޑިއަށް ސަމާލުކަން ނުދޭ ކުޅުންތެރިންނަށް އަދަބު ދިނުމަށް ޖޫރިމަނާ ކުރުންވެސް ކުރިއަށްދާނެ ކަމަށް ވެސް ބުންޏެވެ.
ގަޑި ޖެހުމުން ކުޅުންތެރިން ޖޫރިމަނާ ކުރުމަކީ ބާސާއަށް ޒަވީ ކުޅުނުއިރުވެސް ކްލަބުގައި އޮންނަ އުސޫލެކެވެ. އެ އުސޫލުގެ ދަށުން ނަގާ ޖޫރިމަނާގެ އަދަދުތައް ހާމަކޮށްފައިނުވާ އިރު، ޖޫރިމަނާ ކުރުން ހުއްޓުނީ ލުއިސް އެންރީކޭއާ ހަމައިން ކަމަށް ނޫސްތައް ބުނެއެވެ. ޒަވީ ވިސްނަނީ އެ ސަގާފަތް އަލުން ގެނެސް، ކްލަބުގައި ބާސާގެ ސްޓައިލް ދަމަހައްޓަން ކަމަށް އޭނާ ކުރިންވެސް ބުންޏެވެ.
ބާސާއާއެކު އެތައް ކާމިޔާބީއެއް ހޯދާފައިވާ މިޑްފީލްޑަރު ޒަވީ މިދިޔަ ހަފުތާ ތެރޭ ބާސާގެ ކޯޗުކަމާ ހަވާލުވީ ގަތަރުގެ އަލް ސާދުގެ ކޯޗުކަން ދޫކޮށްލުމަށްފަހުއެވެ. ބާސާއަށް 500 އަށްވުރެ ގިނަ މެޗު ކުޅެ، އެ ކުލަބާއެކު ޒަވީ ވަނީ އަށް ފަހަރު ލީގު ކާމިޔާބުކޮށް، ތިން ފަހަރު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ.
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ
ބާސެލޯނާ