ކުޅިވަރު

އެސްޓޮން ވިލާގެ ކޯޗު ކަމަށް ޖެރާޑް ގެންދަނީ

އެސްޓޮން ވިލާގެ ހުސްވެފައިވާ ކޯޗު ކަމުގެ މަގާމަށް ލިވަޕޫލަށް ކުރިން ކުޅުނު ލެޖެންޑަރީ މިޑްފީލްޑަރު ސްޓީވަން ޖެރާޑް ހަމަޖައްސަން ކްލަބުން ތައްޔާރު ވެއްޖެއެވެ.

މިވަގުތު ސްކޮޓިޝް ލީގުގެ ރޭންޖާސް އާ ހަވާލުވެ ހުރި ޖެރާޑާ ވިލާއިން ވާހަކަ ދައްކަމުން އަންނައިރު، މީޑިއާތައް ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ޑީލްގެ ހަބަރުތަކެއް ލިބިގެންދާނެއެވެ. ވިލާއިން އިންޓަނޭޝަނަލް ބްރޭކުގެ ބޭނުން ހިފައި އާ ކޯޗަކަށް މަސައްކަތް ކުރަމުން އަންނަ އިރު، ދެން ކްލަބުން ނޮވެންބަރު 20 ވަނަ ދުވަހު ކުޅެން އޮތް މެޗުގެ ކުރިން ކޯޗެއް ހަމަޖައްސަން ކްލަބުން ބޭނުންވެއެވެ.

ވިލާއާ އެކު މި ސީޒަން ފެށި ޑީން ސްމިތު ކްލަބުގެ ކޯޗުކަމުން ވަކިކުރީ މިދިޔަ ހަފުތާގައެވެ. ސްމިތު ވިލާގެ ކޯޗުކަމުން ވަކި ކޮށްފައި ވަނީ ޖެހިޖެހިގެން އެ ކްލަބު ފަސް މެޗުން ބަލިވުމާއެކުގައެވެ.

އުމުރުން 41 އަހަރުގެ ޖެރާޑަކީ ޕްރިމިއާ ލީގުގެ އިތުރުން އިންގްލެންޑް ގައުމީ ޓީމުގެވެސް ލެޖެންޑެކެވެ. ކެރިއަރުގައި ލިވަޕޫލާއެކު ޗެމްޕިއަންސް ލީގު ހޯދި ޖެރާޑަކީ އިންގްލެންޑުގެ ރަން ޖެނަރޭޝަންގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކުޅުންތެރިއެކެވެ. ޖެރާޑު ކޯޗު ކަމަށް ނުކުތީވެސް ރޭންޖާސްއިންނެވެ.

އެ ކްލަބުގެ ކޯޗުކަމުގައި ޖެރާޑް ކުރަމުން އަންނަ މަސައްކަތް ވަނީ ގިނަ ބަޔަކަށް ފާހަގަ ވެފައެވެ. ކްލަބުގެ ކުޅުމުގެ ސްޓައިލް ވަރަށް ބޮޑަށް ބަދަލުކޮށްލައި، އެ ކްލަބާއެކު މިދިޔަ އަހަރު ސްކޮޓިޝް ލީގުވެސް ޖެރާޑް ކާމިޔާބު ކުރިއެވެ. ޖެރާޑް ރޭންޖާސް އަށް ސްކޮޓިޝް ލީގު ހޯދައިދިނީ މެޗަކުން ބަލި ނުވެއެވެ. ރޭންޖާންސްއިން މިދިޔަ ސީޒަންގެ ލީގު ހޯދި އިރު، އޭގެ ކުރިން ނުވަ ސީޒަންގައިވެސް އެގައުމުގެ ލީގު ކާމިޔާބު ކުރީ ސެލްޓިކެވެ.