Close
ޚަބަރު

އަޅުގަނޑުމެންގެ ސިޔާސީ ފަލްސަފާއަކީ ދެބަސްވުމަށް އެއްބަސްވުން: ރައީސް

މި ސަރުކާރުގެ ސިޔާސީ ފަލްސަފާއަކީ ދެބަސްވާ ކަންކަމުގައި މަޝްވަރާ ކުރުމަށްފަހު އެކަންކަމަށް ހައްލު ހޯދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމުހޫރީ މައިދާނުގައި ރޭ ކުރިޔަށް ދިޔަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ސިޔާސީ އަދި އިޖުތިމާއީ މަސްރަހުގައި އުފެދިފައިހުރި ހަލަބޮލިކަމާއި ނުތަނަވަސްކަން މީގެ ތިން އަހަރު ކުރިން ފެނިވަޑައިގެންފައިވާ ކަމަށެވެ.

ސިޔާސީ ވާދަވެރިކަން ފެނުނީ ހަތުރުވެރިކަމާއި އަދާވާތްތެރި ކަމުގެ ގޮތުގައި ކަމަށާއި އެންމެ ހެޔޮކަމަކީ އަނެކާއާ މެދު އެންމެ ނުބައިކޮށް ކަންކުރުން ކަމުގައި އޭރު ގަބޫލު ކުރެވޭފަދަ ގޮތަކަށް ކަމަށެވެ. އެއީ ގައުމެއް، ޖަމާއަތެއް އަދި ޖުމްހޫރިއްޔަތެއްވެސް ދެމެހެއްޓޭނެ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސިޔާސީ ފަލްސަފާއަކީ ދެބަސްވުމަށް އެއްބަސްވުން. ހުރި ތަފާތުތަކާއި ފުށުއެރުމާއި ފަރަގުތައް ހިފައިގެން ވެސް އެކުގައި ކުރިއަށް ދިއުން. ރާއްޖޭގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށް ޓަކައި ހޭދަކުރާން ޖެހޭ ވަގުތާއި ހަކަތައިގެ މިންވަރު ބޮޑު،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިޖުތިމާއީ މަސްލަހަތު ހިފަހައްޓައި ދެމެހެއްޓުމަށް ޓަކައި ވޭތުވެދިޔަ ތިން އަހަރު ވަރަށް ބޮޑު އިސްކަމެއް ދެވުނު ކަމަށާއި. އަދި ކުރިއަށް އޮތް ދެއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއްކަމަކީ ޖަމާއަތުގެ މަސަލަސްކަން ހިފެހެއްޓުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.