ސްރީ ލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުގައި ބަންގުލަދޭޝްއާއި ސީޝެލްސްއިން ކުޅުނު ފުރަތަމަ މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
ސްރީ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ބަންގުލަދޭޝްއިން ފުރަތަމަ ގޯލެއް ޖަހާފައި ވަނިކޮށް، ސީޝެލްސްއިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ވަގުތުގައެވެ. މިއަދުގެ މެޗަކީ މުބާރާތް ފެށުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހު ހަވީރު ކުޅެން ހަމަޖެއްސި މެޗެއް ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން އެ ދުވަހު މެޗު ފަސްކުރިއެވެ. މެޗު ފުރަތަމަ ފަސްކުރީ އިއްޔެ ހަވީރަށް ނަމަވެސް، އިއްޔެ ހަވީރަށް ފަހުން ޝެޑިއުލްކުރީ ރާއްޖެ ލަންކާ ކުޅޭ މެޗާއެކު ހުޅުވުމުގެ ރަސްމިއްޔާތެވެ. އޭގެ ފަހުން އަނެއްކާ ރޭ ބަންގުލަދޭޝް މެޗު ކުޅެން މަސައްކަތް ކުރި ނަމަވެސް އެ މެޗު އަނެއްކާ މިއަދަށް ފަސްކުރީއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ލަންކާއާއި ރާއްޖެ އިއްޔެ ވާދަކުރި މެޗު 4-4 އިން އެއްވަރުވެގެން ނިމުނު އިރު، މިއަދުގެ ނަތީޖާއާއެކު މިހާތަނަށް މުބާރާތުގައި ކުޅުނު ދެމެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. ފުރަތަމަ ދެމެޗު ނިމުނު އިރު، ކޮންމެ ޓީމަކަށްވެސް ލިބިފައި ވަނީ ޕޮއިންޓެކެވެ.
ބަންގުލަދޭޝްއިން މިފަހަރުގެ މުބާރާތަށް ދިޔައީ ގިނަ ދުވަސްތަކެއް ވަންދެން އެގައުމުގެ ލީގުގައި ޑާކާ އަބަހާނީއަށް ކޯޗުކަން ކޮށްދިން ޕޯޗުގަލްގެ މާރިއޯ ލެމޯސްއާ އެކުގައެވެ. އޭނާއާއެކު ބަންގުލަދޭޝްގެ ސްޓައިލް ކުރިއަށްވުރެ ތަންކޮޅެއް ބޮޑަށް އެޓޭކިންކޮށް ފެނިގެން ގޮސްފައިވާ އިރު،
ސީޝެލްސް ފަރާތުން ފެނުނީ ކައުންޓާއަށް ވިސްނައިގެން ކުޅުނުތަނެވެ.
މެޗުގެ ތެރެއަށް ދެޓީމަށްވެސް ރަނގަޅަށް ނުވަދެވިގެން އުޅެނިކޮށް، މެޗުގެ 16 ވަނަ މިނެޓުގައި ބަންގުލަދޭޝް އިން ފުރަތަމަ ހަމަލާގައި ލީޑު ނެގިއެވެ. ބަންގުލަދޭޝްގެ މިޑްފީލްޑަރު މުހައްމަދު އިބްރާހިމް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. އޭގެ އިތުރުންވެސް ފުރަތަމަ ހާފުގައި ބަންގުލަދޭޝްއިން ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ހޯދިއެވެ. ޑިފެންޑަރު ޔާސީން އަރަފާތު އަރިމަތިން ނަގައިދިން ބޯޅައިން ކެޕްޓަން ޖަމާލް ބުޔާން ފޮނުވާލި ހަމަލާ ސީޝެލްސްގެ ކީޕަރު އެލްވިން ރޮޑީ ވަނީ މަތަކޮށްފައެވެ.
ފަހު ހާފަށް ނުކުމެ ސީޝެލްސްއިން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅު ކުރިއެވެ. ދެވަނަ ހާފުގެ ކުރީކޮޅުގައި ފުލުފުލުގައި ދެ ފުރުސަތެއް ފަހި ކުރި އިރު، ރަންޑޯލްފް ޑިންއާއި ޑީން ސްޓެފަންއަށް ލިބުނު ފުރުސަތުތައް ދިޔައީ ބޭކާރުވެގެންނެވެ. ސީޝެލްސްއިން މެޗަށް ވަދެ ކުޅެމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 88 ވަނަ މިނެޓުގައެވެ. އެޓީމުގެ ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެންޑަން ލެބްރޮސްއެވެ.
މުބާރާތުގެ ފެށުން ލަސްވެ މިހާރު ވަނީ ޝެޑިއުލަށް އަނެއްކާވެސް ކުޑަ ބަދަލެއް ގެނެސްފައެވެ. ކުރިން އޮތް ގޮތުން މުބާރާތުގެ މެޗުތައް މާދަމާ ކުޅޭ ގޮތަށް އޮތް ނަމަވެސް މިހާރު އައި ބަދަލާއެކު ދެން މުބާރާތުގެ މެޗުތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހު ހަވީރު ބަންގްލަދޭޝާއި ރާއްޖެ ކުޅޭއިރު، އެރޭ ސީޝެލްސް ކުޅޭނީ ލަންކާއާ ދެކޮޅަށެވެ.
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް