ޓްރީޓޮޕް ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފިލިޕީންސް ފިރިހެން ނަރުހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ސިއްރުކުރި މައްސަލައިގައި އެ ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާއާއި އިތުރު ދެ މުވައްޒަފަކަށް ދައުވާކުރުމަށް ފޮނުވައިފިއެވެ.
ދައުވާ އުފުލާފައިވާ ތިން މީހުންނަކީ ބ. އޭދަފުށި/ ފެންއާރު، އާދިލް މޫސާ އާއި ތ. ގުރައިދޫ/ ކޮވެލިގެ، އާމިނަތު ސުހާ އަދި ސ. ހުޅުދޫ/ ޑޭޒީވިލާ، ނަޒީރާ ނަޖީބެވެ. އެމީހުންނަށް އުފުލާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، އެނގިހުރެ ނޭންގުމުގެ ކުށުގެ ދައުވާއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެމީހުންނަށް ދައުވާކުރުމަށް ފޮނުވީ އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ޖިންސީ އަމަލުހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުން ހުރި މައުލޫމާތު ޓްރީޕޮޓް ހޮސްޕިޓަލަށް ލިބުމުން އެ މައުލޫމާތު އެވަގުތު ރިޕޯޓް ކުރަންޖެހޭ މުއައްސަސާތަކަށް ރިޕޯޓުނުކޮށް، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅި މައްސަލައިގައި ކަމަށެވެ.
ޕީޖީން ބުނީ މި މީހުންނަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު، ޓްރީޓޮޕް ހޮސްޕިޓަލުގެ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ ރޮމާ ސިމޯރާ ލަޒާޑޯ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން، އެނގިހުރެ، އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާތީ ކަމަށެވެ.
މި މައްސަލައަކީ އާންމު ފަރާތަކުން އެ އޮފީހަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން، މިއަހަރުގެ މާޗު މަހު، ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރުމަށް އަމުރުކުރި މައްސަލައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު