އަންނަ އަހަރު ތަކެތީގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދާ 2022 ވަނަ އަހަރުގެ ބަޖެޓު ބަހުސްގައި މެންބަރުން ފާޅުކުރެއްވި ބައެެއް ކަންބޮޑުވުންތަކަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުންނެވެ.
ދުނިޔޭގެ ބާޒާރުގައި މިއަހަރު ތަކެތީގެ އަގު މައްޗަށް ދާތީ އެކަމުުގެ ސަބަބުން ރާއްޖޭގައިވެސް ތަކެތީގެ އަގު ބޮޑުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވިދާޅުވެ، ބަޖެޓް ބަހުސްގައި ގިމަ މެންބަރުންތަކެއް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ ދުނިޔޭގެ އިގުތިސާދު ވަރަށް ބާރު ސްޕީޑުގައި މިހާރު ކުރިއަރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ޑިމާންޑާ އެއްވަރަށް ސަޕްލައި ހިފަހައްޓައި ނުލެވުމުގެ ސަބަބުން މިއަހަރު، ތަކެތީގެ އަގު މައްޗަށް ގޮސް މުދާ ހޯދުމަށް ދަތިވެފައިވާ ކަމަށް ވިދާޅުވިއެެވެ.
"2020 ވަނަ އަހަރު ހުއްޓިފައި ހުރި އިގުތިސާދުތައް ކުއްލިއަކަށް ހުރިހާ މަސައްކަތްތަކެއް ކުރެވި ބާރު ސްޕީޑުގައި ކުރިއަރާ އެބަދޭ. މިއާއެކު އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ދުނިޔޭގެ ސަޕްލައި ޗޭނަށް ހިފަހައްޓައިނުލެވި މިވަނީ، ކޮމިޑީޓިސްގެ އަގު މަތިވެ މުދާ ހޯދުމަށް އެބަ ދަތިތަކެއް ދިމާވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެއަކީ ބޭނުންވާ ގިނަ މުދާ އިމްޕޯޓް ކުރަންޖެހޭ ގައުމަކަށް ވެފައި، ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ ބަދަލު ރާއްޖޭގެ އިމްޕޯޓަށާއި މުދަލުގެ އަގަށް އަންނާނެކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެއީ ވަގުތީ ކަމެއް ކަމަށް ވިދާޅުވިއެވެ.
"މާނައަކީ އިމްޕޯޓެޑް އިންފްލޭޝަންގެ ރިސްކު އެބައޮތްކަން، ދެން އިން ސުވާލަކީ ދުނިޔޭގެ ބާޒާރުގައި އަގުތައް މަތިވެފައިވާ މަތިވުމަކީ ދާއިމީ ނުވަތަ ވަގުތީ ކަމެއްތޯ. އަޅުގަނޑުމެން އެކިއެކި ރިޕޯޓުތައް ބަލައިލާއިރު ތަޖުރިބާކާރުން ދެކޭ ގޮތުގައި މީ ވަގުތީ ޕްރެޝަރެއް، އެއީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން މި އޮކްޓޯބަރު މަހު ނެރުނު އަންދާޒާއިންވެސް ދައްކަނީ 2022 ވަނަ އަހަރު ދުނިޔޭގެ އިންފްލޭޝަން އަސްލު ދަށްވާނެ ކަމަށް. މިއަހަރު ތެރޭގައި މަތިވެފައި، އަންނަ އަހަރު ދަށްވާނެ ކަމަށް. އައިއެމްގެ ކޮމިއުޑިޓީ ޕްރައިޒް އިންފްލޭޝަން މިއަހަރުގެ ތެރޭގައި 46 އިންސައްތައިގައި ހުރި ނަމަވެސް 2022 ވަނަ އަހަރު ހުންނާނީ 1.2 ޕަސެންޓުގައި ކަމަށް" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި އަގު މަތިވާނަމަ ގޭބިސީއަކުން މުދަލަށް ކުރާ ހޭދަވެސް އިތުރުވެގެންދާނެ ކަމަށެވެ. އެގޮތަށް ތަކެތީގެ އަގު ބޮޑުވިޔަ ނުދިނުމަށްޓަކައި ރައްޔިތުންނަށް ދޭ ހިދުމަތްތަކުގެ އަގު ކުޑަ ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
"ދުނިޔޭގެ ބާޒާރުގައި އަގު މަތިވާނަމަ ގޭބިސީއަކުން މުދަލަށް ކުރާ ހޭދަ އިތުރުވެގެންދާނެ. ނަމަވެސް އަޅުގަނޑުމެން މިހާރު ދައުލަތުގެ ހައިސިއްޔަތުން މިދަނީ ރައްޔިތުންނަށް ހިދުމަތްކުރާ އަގު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުން. އެގޮތުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި އިންޓަނެޓްގެ އަގު ދަނީ ދަށްވަމުން. އަދި ބޭހުގެ އަގު ތިރި ކުރުމަށްޓަކައި 2022 ވަނަ އަހަރު ދައުލަތުން ފިޔަވަޅުތަކެއް އެޅުމަށް ވަނީ ރާވާފައި، މާނައަކީ ޖުމުލަކޮށް މިހާރު އަޅުގަނޑުމެން އަންދާޒާކުރާ ގޮތަށް ކޮންސިއުމާ ބާސްކެޓުގެ އިންފްލޭޝަން މަތިނުވެ 2022 ވަނަ އަހަރު ހިފޭއްޓޭނެ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު