މަގުމަތީގެ އެކްސިޑެންޓް

މިސް ކެރެއްލާ އަދި ރަނަރަޕް މަރުވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހައްޔަރުކޮށްފި

ރީތީގެ ރާނީން ކަމަށްވާ މިސް ކެރެއްލާ، އަންސީ ކަބީރު އަދި އެމުބާރާތުން ރަނަރަޕަށް ދިޔަ އަންޖަނާ ޝަޖަން މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ވަނީ އިންޑިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ކުރެވުނު ތަހުގީގަށްފަހު ކާރު ދުއްވަން އިން، އެ ދެމީހުންގެ ރަހުމަތްތެރިޔާ 25 އަހަރުގެ އަބްދުއްރަހްމާން ވަނީ ނޮވެމްބަރު 8 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުގެ ހާލަތުގައި ކާރު ދުއްވާފައިވާފައިވާ ކަމަށް ތަހުގީގަށް ސާބިތުކުރެވެމުންނެވެ.

މި އެކްސިޑެންޓު ހިނގިއިރު ކާރު ދުއްވަން އިން އަބްދުއްރަހުމާނުގެ އިތުރުން ދެން ކާރުގައި ތިބީ އަންސީ، އަންޖަނާ އާއި އިތުރު ފިރިހެނެކެވެ. ސީޓު ބެލްޓު އަޅައިގެން އިނުމުންނާއި ކާރުގެ އެއާބޭގުގެ ސަބަބުން އަބްދުއްރަހުމާނަށް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓު ވުމާއެކު އަންސީ އަދި އަންޖަނާ ވަނީ ވަގުތުން މަރުވެފައެވެ. ކާރުގައި ދެން އިތުރަށް އިން މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ ހޯމަދުވަހުގެ އިރާކޮޅުގެ ވަގުތުގައި އެމީހުން ދުއްވާފައިދިޔަ ކާރު ދެފުރޮޅުލީ އުޅަނދެއް ކައިރިން ނައްޓަން މަސައްކަތްޗ ކުރަނިކޮށް ކާރުގެ ކޮންޓްރޯލު ގެއްލިގެން ގޮހެވެ.

މިއެކްސިޑެންޓުގައި މަރުވި އަންސީގެ މަންމައަށް ވަނީ ދަރިފުޅުގެ މަރުގެ ހަބަރުގެ ސަބަބުން ނަފުސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އަންސީގެ މަންމަ އަމިއްލައަށް މަރުވާން މަސައްކަތްކޮށްފައިވާތީ މިވަގުތު އޭނާއަށް އަންނަނީ ޕްރައިވެޓު ހޮސްޕިޓަލެއްގައި އެނދުމަތިކޮށް ފަރުވާދެމުންކަމުގައި ހަބަރުތައް ބުނެއެވެ.