އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއްވި ހިތަދޫ، ރަމީޒް އަބްދުﷲ މިއަދު މަރުވެއްޖެއެވެ.

އޭނާ ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 31 ވީ ހުކުރު ދުވަހުގެ ރޭގަނޑު 9:30 އެހާކަންހާއިރު، ހިތަދޫ ބޮޑުމަގުގައި ދެ ސައިކަލު ޖެހިގެންނެވެ. އެ އެކްސިޑެންޓް ހިނގި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ބާރު ސްޕީޑުގައި ނުބައި ފަޅިން ދުއްވާފައި ދިޔަ ސައިކަލެއް ވަނީ މަގުގެ ރަނގަޅު ފަޅިން މަޑުމަޑުން ދުއްވާފައި ދިޔަ ރަމީޒުގެ ސައިކަލުގައި ބާރަށް ޖެހިފައެވެ.

އެ އެކްސިޑެންޓުގައި ރަމީޒުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ނުރައްކާތެރި ގެއްލުންތަކެއް ލިބުނެވެ. އެކްސިޑެންޓަށްފަހު ފުރަތަމަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ހާލަތު ސީރިއަސްވުމުގެ ސަބަބުން އޭނާ މާލެ ބަދަލުކުރީ އިތުރު ފަރުވާއަށެވެ.

މި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.