މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ބަންގުލަދޭޝްއާއި ސީޝެލްސް ކުޅެން އޮތް މެޗު މާދަމާ ހަވީރަށް ތާވަލުކޮށްފިއެވެ.
ބަންގުލަދޭޝްއާއި ސީޝެލްސް ކުޅެން އޮތް މެޗަކީ ޝެޑިއުލުގައި ފުރަތަމަ އޮތް ގޮތުން އިއްޔެ ހަވީރު މުބާރާތް ހުޅުވަން ކުޅެން އޮތް މެޗެވެ. ވިއްސާރައިގެ ސަބަބުން އިއްޔެގެ މެޗުތައް މިއަދަށް ފުރަތަމަ ކެންސަލްވެފައިވާ އިރު، އެ މެޗު ފަހުން ތާވަލުކުރީ މިރެއަށެވެ. އެއީ މިއަދު ހަވީރު ހުޅުވުމުގެ ރަސްމިއްޔާތާއެކު ރާއްޖެއާއި ލަންކާ މެޗު ބޭއްވުމުގެ ގޮތުންނެވެ. މިރެއަށް ބަންގުލަދޭޝް މެޗު ކުރިން ތާވަލު ކޮށްފައި އޮތް ނަމަވެސް މޫސުން ގޯސްކޮށް އުޅޭތީ އަނެއްކާވެސް އެ މެޗު ވަނީ މާދަމާ ހަވީރަށް ތާވަލުކޮށްފައެވެ.
މާދަމާ ހަވީރުގެ މެޗު އޮންނާނީ 15:30 ގައެވެ. އެ މެޗަށްފަހު ދެން އަނެއްކާވެސް މެޗުތައް އޮންނާނީ ބުރާސްފަތި ދުވަހުއެވެ. މިހާރު ޝެޑިއުލްގައި އޮތް ގޮތުން ބުރާސްފަތި ދުވަހު ހަވީރު ރާއްޖެ ނުކުންނަން އޮތީ ބަންގުލަދޭޝްއާ ދެކޮޅަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ މެޗުގައި ލަންކާއިން ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ.
ފޯ ނޭޝަންސް ކަޕް ހުޅުވުމުގެ ރަސްމިއްޔާތު ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ޝަރަފުވެރި ކޮށްދެއްވާފައިވާ އިރު، މިއަދު ބޭއްވި ރަސްމިއްޔާތުތަކުގައި ލަންކާ ފަންނާނުންގެ ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވެއެވެ. މިއަދު ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ލަންކާއާ އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ.
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް
މަހިންދާ ރާޖަޕަކްސަ ކަޕް