މިނިމަމް ވޭޖް ކަނޑައެޅިގެން ދިޔައިރު، އެކަން ތަންފީޒު ކުރެވި މޮނިޓާ ކުރެވޭނެ ގޮތްތަކެއް ކަނޑައެޅިފައި ނެތުމުން ދިވެހިންނާއި ބިދޭސީންގެ މެދުގައި ތަފާތުކުރުން އިތުރުވާނެ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގުރެސް (އެމްޓީޔޫސީ) އިން ބުނެފިއެވެ.
މިނިމަމް ވޭޖުގެ އަދަދުތަކާމެދު ކަންބޮޑުވުން ފާޅުކޮށް، އެމްޓީޔޫސީން ނެރުނު ބަޔާނެއްގައި ބުނީ، މިނިމަމް ވޭޖު ކަނޑައެޅިގެން ދިއުމަކީ މަސައްކަތްކުރާ ފަރާތްތަކުގެ އިޖުތިމާއީ ރައްކާތެރިކަމާ އިގުތިސާދީ ގޮތުން މަސައްކަތްތެރިން ބާރުވެރިކުރުމަށް މުހިންމު ސިޔާސަތެއް ކަމަށެވެ.
ނަމަވެސް މިނިމަމް ވޭޖް ކަނޑައެޅިގެން ދިޔައިރު، މިނިމަމް ވޭޖު ތަންފީޒު ކުރެވި މޮނިޓާ ކުރެވިގެންދާނެ ގޮތްތަކެއް ކަނޑައެޅިފައި ނެތުމުން ދިވެހިންނާއި ބިދޭސީންގެ މެދުގައި ތަފާތުކުރުން އިތުރުވެ، ހާއްސަކޮށް ޕްރައިވެޓް ސެކްޓަރުގައި ދިވެހީންގެ ވަޒީފާތައް މަދުވެ ބޭރު މީހުން ވަޒީފާތަކުގައި ގިނަވެ، ގިނަ ދިވެހީންނަށް ވަޒީފާ ނުލިބި ފަގީރުކަމާއި ކުރިމަތިލާން ޖެހުމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ބުންޏެވެ.
އަދި ބިދޭސީ މަސައްކަތްތެރިން މިނިމަމް ވޭޖުން މަހުރޫމު ކުރުމަކީ ހަގީގީ މަގުސަދު ގެއްލި ކަންބޮޑުވުން ހިމެނޭ ކަމެއް ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
މިނިމަމް އެޑްވައިޒަރީ ބޯޑުގައިވެސް ހިމެނޭ އެމްޓީޔޫން ބުނީ، އެ ބޯޑުގައި އެ ޖަމިއްޔާއިން މަސައްކަތް ކުރީ، މަސައްކަތްތެރިންނާއި އޭނާގެ އާއިލާތަކުގެ އަސާސީ ބޭނުންތަކަށް އަދި އިގުތިސޯދަށް ކުރާނެ އަސަރުތަކުގެ ހިސާބުތައް ކުރެވިގެން ކަމަށެވެ. އެގޮތުން އަދަދުތަކަކާއި ހަމައަށް ވާސިލްވުމަށް ބޭނުންކުރެވިފައިވާ ފޯމިއުލާއަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ބެލެންސްޑް އެޕްރޯޗެއް ކަމަށްވެސް ބުންޏެވެ.
ނަމަވެސް މަސައްކަތްތެރިޔާގެ އަސާސީ ބޭނުންތައް އަދި އިގުތިސޯދަށް އަންނާނެ ލޮޅުންތަކަށް ރިއާޔަތްކޮށް، ވަޒީފާ ދޭ ފަރާތާއި ސަރުކާރު އަދި މަސައްކަތްތެރިންގެ އިއްތިފާގުން ފާސްކުރި އަދަދުތަކަށް އިކޮނޮމިކް މިނިސްޓަރު ބަދަލު ގެނައުމަކީ އެ ޖަމިއްޔާގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ބުންޏެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނީ، ތިން ފަރާތް އެކުލެވޭ ބޯޑަކުން ނިންމާ ނިންމުމަކަށް، އެެއް ފަރާތުން ބަދަލު ގެނައުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކުރަމުންދާ ގޮތެއް ނޫން ކަމަށާއި އެގޮތަށް ކަންކުރުމަކީ އައިއެލްއޯ އަދި ބައިނަލްއަގުވާމީ އުސޫލުތަކާއި މުޅިން ހިލާފުކަމެއް ކަމަށެވެ.
ރާއްޖޭގެ އިގުތިސޯދު ކުރިއަރާދާނެ ކަމަށް ލަފާކުރެވިިފައިވާ މިންގަނޑުތަކާއި ކޮވިޑުގެ-19ގެ އިގުތިސޯދީ ދަތީގެ ވަގުތުތަކުގައިވެސް ރާއްޖޭގެ އިގުތިސޯދީ ހާލަތްތަކަށް ރިއާޔަތް ކުރުމަށްފަހު، މަޝްވަރާއާއި ދިރާސާގެ މަތީން ސަރުކާރުގެ ފުރިހަމަ ބައިވެރިވުމާއެކު އަރުވާފައިވާ ލަފާ "މަދު މަހުޖަނުންކޮޅެއް ރުއްސަން ބަދަލުކުރުމަކީ" ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
"ވަކީން ހާއްސަކޮށް ޒަރޫރީން މިންގަނޑުން ދެވޭނެ ކަމަށް ފެނުނު 8900 ރުފިޔާ، އިގުތިސާދުގެ އެންމެމަތީ ފަންތީގެ ވިޔަފާރިތަކަށް ދޭވޭނެކަން ޔަގީންވާ ހިނދު އެ އަދަދު ކުޑަކުރަން ނިންމި ނިންމުމާއި ކުދި ވިޔަފާރިތަކަށް އިގުތިސޯދީ މިންގަނޑުން ދެވޭނެ ކަމަށް ހޯދުނު 5000 ރުފިޔާ، 4500 ރުފިޔާއަށް ކުޑަކުރުމަކީ ފުލްޓައިމް މަސައްކަތްކުރާ ފަރާތްތަކަށް އެކަށިގެންވާ މުސާރައެއް ނޫން. އެހެނީ އަހަރުގެ ދޮށީ އުމުރުގެ އަސާސީ އެލަވަންސްގެ ގޮތުގައި އަދި އިންކަމް ސަޕޯޓުގެ ގޮތުގައި 5000 ރުފިޔާ ދޭން ނިންމުނު އިރު، އަށް ގަޑިއިިރު މަސައްކަތްކުރާ ފަރާތަކަށް 5000 ރުފިޔާ ދޭން ސަރުކާރަށް ނުފެނުމަކީ ކަންބޮޑުވުމެއް،" އެމްޓީޔޫން ބުންޏެވެ.
އެ ޖަމިއްޔާއިން ބުނީ، ބިދޭސީ މަސައްކަތްތެރިން މިނިމަމް ވޭޖުން މަހުރޫމް ކުރުމަކީ ހަގީގީ މަގުސަދު ގެއްލި ކަންބޮޑުވުން ހިމެނޭ ކަމެއް ކަމަށެވެ.