ޚަބަރު

އެއާޕޯޓުގައި ކުލިނިކެއް ހިންގަން އެއްވެސް ފަރާތަކާ ހަވާލު ނުކުރުމަށް އަމުރު ނެރެދެވޭކަށް ނެތް: ސިވިލް ކޯޓް

އިބްރާހިމް ޒަކީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އެއާޕޯޓް މެޑިކަލް ކުލިނިކެއް ސެޓަޕްކޮށް، މެނޭޖްކޮށް، އޮޕަރޭޓްކުރުމުގެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލު ނުކުރުމަށާއި އެކަމާބެހޭ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް އަމުރުކޮށްދިނުމަށް، ބަޔޯ ބިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވާ ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ވީއައިއޭގައި އެއާޕޯޓް މެޑިކަލް ކުލިނިކެއް ސެޓަޕްކޮށް، މެނޭޖްކޮށް، އޮޕަރޭޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްއޭސީއެލްއާއި ބަޔޯ ބިޒް މޯލްޑިވްސްއާ ދެމެދު 15 ޑިސެމްބަރު 2020ގައި ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެމްއޭސީއެލުން ނިންމުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

އެ އެއްބަސްވުން އުވާލިކަމުގެ ނޯޓިސް އެމްއޭސީއެލްގެ ފަރާތުން ބަޔޯ ބިޒަށް ފޮނުވައި، ކުލިނިކު ހިންގާނެ ބަޔަކު ހޯދަން އިއުލާން ކުރީ ހުސްވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ބަޔޯ ބިޒުން ބުނެފައި ވަނީ އެ އެއްބަސްވުން ހަދާފައި ވަނީ ތިން އަހަރުގެ މުއްދަތަށް ކަމަށާއި އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 24 ޑިސެމްބަރު 2023ގައި ކަމަށެވެ.

ބަޔޯ ބިޒްގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ، އެމްއޭސީއެލުން ނޯޓިސް ފޮނުވާފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ އެއީ އެއަށް އަމަލުކުރަން ނުޖެހޭ ބާތިލު ނޯޓިސްއެއް ކަމަށް ކަނޑައަޅައި ދިނުމަށާއި އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށް އެމްއޭސީއެލަށް އަމުރުކޮށްދިނުމަށް އެދިއެވެ.

އަދި އެ މައްސަލައަށް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން އެހެން ފަރާތަކާ އެ މަސައްކަތް ހަވާލުކޮށްފިނަމަ ކުންފުންޏަށް މާލީ ގޮތުން ގެއްލުމާއި ކުރިމަތިލާން ޖެހި، މައްސަލައިގައި ކޯޓުން ނިންމާ ނިންމުން ތަންފީޒުކުރުމަށް ހުރަސްއެޅި އެ ގަލޯއީ ހައްގުގެ ބާރުކެނޑި، އެފަރާތައް ކަށަވަރު ކޮށްދީފައިވާ މަދަނީ ހައްގުތަކާ ގުޅިގެން އިންސާފުން ޝަރީއަތް ކުރުމުގެ ހައްގަށްވެސް އުނިކަން އައުމަކީ އެ ކުންފުންޏަށް ލިބޭ ގެއްލުމަކަށްވާތީ ވީއައިއޭގައި މެޑިކަލް ކުލިނިކު ސެޓަޕްކޮށް މެނޭޖުކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް އެމްއޭސީއެލުން ކޮށްފައިވާ އިއުލާނަށް އަމަލުކުރުން ފަސްކުރުމަށާއި އެ މަސައްކަތް އެހެން ފަރާތަކާ ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އެމްއޭސީއެލަށް އަމުރުކޮށްދިނުމުގެ ވަގުތީ އަމުރަކަށްވެސް އެ ކުންފުނިން ހުށަހެޅިއެވެ.

އެކަމާ ގުޅުގެން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ ދައުވާކުރާ ފަރާތުން ވަގުތީ އަމުރު ނެރެދިނުމަށް އެދިފައިވާ ގޮތަށް އެ އަމުރު މި ހިނދުގައި ނެރެދެވެން ނެތް ކަމަށެވެ.