ބާސެލޯނާ

ބާސާގައި ރަނގަޅު ކާމިޔާބީއަކަށް އެދި މެސީ މެސެޖު ކުރި: ޒަވީ

ބާސެލޯނާގައި ރަނގަޅު ކާމިޔާބީއަކަށް އެދި ކްލަބުގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ މެސެޖު ކުރި ކަމަށް އާ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ބާސާގެ ކޯޗުކަމާ ހަވާލުވެ، ކްލަބު ލެޖެންޑް ޒަވީ ވަނީ މިއަދު ރަސްމީކޮށް ނޫސްވެރިންނާ ބައްދަލުކޮށްފައެވެ. ބާސާގެ ކޯޗު ކަމަށް ޒަވީ ހަމަޖައްސައި، މިއަދު އޭނާ ރަސްމީކޮށް ސަޕޯޓަރުންނަށް ތައާރަފުކޮށްފައިވާ އިރު، ޒަވީގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އޭނާ ވަނީ ކްލަބުގެ ކުރިމަގާ ގުޅޭ ގިނަ ވާހަކަތަކެއް ފާހަގަކޮށްފައެވެ.

"މެސީ އަހަންނަށް މެސެޖު ކުރި ރަނގަޅަށް ކާމިޔާބީއަކަށް އެދި. މެސީއަކީ ހާއްސަ އަދި އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް. އެކަމަކު މެސީ މިހާރު ބާސާގައި ނެތްކަން ގަބޫލުކުރަން ޖެހޭނެ. ހަމައެހެން އެޓޫއާއި ރޮނާލްޑީނިއޯ ފަދަ ކުޅުންތެރިންވެސް މިހާރު ނެތް، މިހާރު އޮތީ އާ ޖީލެއް. މިހާރު ނެތް ކުޅުންތެރިންނަށް ފޯކަސް ކުރަން ޖާގައެއް ނެތް،" ޕްރެސް ކޮންފަރެންސްގައި ޒަވީ ބުންޏެވެ.

ބާސާއާއެކު އެތައް ކާމިޔާބީއެއް ހޯދާފައިވާ މިޑްފީލްޑަރު ޒަވީ މިދިޔަ ހަފުތާ ތެރޭ ބާސާގެ ކޯޗުކަމާ ހަވާލުވީ ގަތަރުގެ އަލް ސާދުގެ ކޯޗުކަން ދޫކޮށްލުމަށްފަހުއެވެ. ބާސާއަށް 500 އަށްވުރެ ގިނަ މެޗު ކުޅެ، އެ ކުލަބާއެކު ޒަވީ ވަނީ އަށް ފަހަރު ލީގު ކާމިޔާބުކޮށް، ތިން ފަހަރު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. އެ ކާމިޔާބީތަކުގައި މެސީއާއި ޒަވީ ފެނުނީ ވަރަށް ގާތް ދެ ކުޅުންތެރިންގެ ގޮތުގައެވެ.

ބާސާއަށް ފައިސާގެ ގޮންޖެހުންތަކެއް ދިމާވެފައިވާ މި ހާލަތުގައި ޒަވީ ކްލަބާ ހަވާލުވެ، ބާސާގައި އޮތް އުނދަގޫ ހާލަތު ބަދަލުކުރަން އަމާޒު ހިފާފައިވާ އިރު، އޭނާ ބުނީ ބާސާއަކީ ދުނިޔޭގެ އެންމެ ވަރުގަދަ ޓީމު ކަމަށާއި، އެ ވިސްނުމުގައި މަސައްކަތްކޮށްގެން ނޫނީ ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

"ކޮންމެ ދުވަހަކުވެސް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ. މިއީ ބާސެލޯނާ، މިއީ ދުނިޔޭގެ އެއްވަނަ ކްލަބު. އެ ވިސްނުމުގައި ބޮޑެތި ނަތީޖާތައް ނެރެވޭނީ. އަހަރެމެން ބޭނުން ވަނީ ރަނގަޅު ފުޓުބޯޅައެއް ކުޅެން. ގާޑިއޯލާއާއި އަހަންނާ މީހުން މިނެކިރާ. އެއީ ލިބޭ ހިތްވަރެއް. ސަބަބަކީ ގާޑިއޯލާއަކީ ދުނިޔޭގެ އެންމެ މޮޅު ކޯޗު ކަމަށްވާތީ،" ޒަވީ ބުންޏެވެ.

ޒަވީއާއެކު ބާސާއިން އެންމެ އަވަހަށް ނުކުންނާނެ މެޗަކީ އިންޓަނޭޝަނަލް ބްރޭކަށްފަހު އެޓީމުން ލީގުގައި އެސްޕަނިޔޯލްއާ ދެކޮޅަށް ކުޅޭ މެޗެވެ.