ގްރޭޓާ މާލޭ ސަރަހައްދުގައި ހަތަރު ފުރޮޅުލީ ވެހިކަލް ރަޖިސްޓްރީކުރުމަށް ގަރާޖު ސިޓީ ހުށަހަޅަންޖެހޭނެ ކަމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި އޮންނަ މާއްދާ އުވާލުމަކީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު އެހެން ވިދާޅުވީ، ގަރާޖު ސިޓީ ހުށަހަޅަންޖެހޭ ކަމަށް ގާނޫނުގައި ހިމެނޭ މާއްދާ އުވާލުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތުން، އެރަށެއްގައި ދުއްވާ ވެހިކަލްތަކުގެ އަދަދާއި ވެހިކަލްތަކުގެ އުމުރު ކަނޑައެޅުން ލާޒިމުކޮށްފައި އޮންނަނީ ކައުންސިލްތަކަށެވެ. އޭގެ އިތުރުން އުޅަނދު ފަހަރު ރަޖިސްޓްރީކުރާ ގަރާޖުގެ ފެންވަރު ކަނޑައެޅުމާއި ގަރާޖު ހުއްދަދިނުމުގެ ކަންތައްތައް ހަވާލު ކޮށްފައި އޮންނަނީ މާލޭ ސީޓީ ކައުންސިލާއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ އިރު، އެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީންނެވެ.

ބިލުގެ މަސައްކަތުގެ ތެރެއިން، ގަރާޖު ސިޓީ އުވާލުމަށް އެ ބިލަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. އޭނާ ހުށަހަޅާފައި ވަނީ ވެހިކަލް ރަޖިސްޓްރީކުރަން ގަރާޖު ސިޓީ ހުށަހަޅަންޖެހޭ ގޮތަށް، އެއްގަމު ދަތުރުފަތުރުގެ ގަވާއިދުގައި ހަވާލާ ދޭ މާއްދާ، އެ ގާނޫނުން އުވައިލުމަށެވެ.

އެކަމާ ގުޅޭ ގޮތުން ކޮމިޓީގައި ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، ގަރާޖު ސިޓީ ހުށަހަޅަންޖެހޭ ގޮތަށް ގާނޫނުގައި އޮތް މާއްދާ މިވަގުތު އުވާލުމަކީ މާލޭއަށް ވެހިކަލް އިތުރަށް ތޮއްޖެހި ނުރައްކާތެރިވާނެ ކަމެއް ކަމަށެވެ. ނަމަވެސް ގަރާޖު ސިޓީ ހުށަހަޅަން މިހާރު އޮންނަ ގޮތް ރަނގަޅު ނޫން ކަމަށާއި އެކަމަށް ބަދަލު އަންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، މިހާރު އޮންނަނީ ވެހިކަލް ރަޖިސްޓްރީ ކުރާ ޖާގަ ހުށަހަޅާ ގޮތަށް ނޫން ކަމަށާއި ޖާގަ އޮތް ކަމަށް ސިޓީ ހުށަހެޅުން ކަމަށެވެ. ނަމަވެސް އެކަން އޮންނަން ޖެހޭނީ ވެހިކަލް ރަޖިސްޓްރީ ކޮށްގެން އޮންނަ އުމުރު ދުވަހަކަށް އެތަނުގެ ޖާގަ އޮންނަ ގޮތަށް ކަމަށް ވިދާޅުވިއެވެ. އަދި އެކަން މިހާރު އޮންނަނީ ހަމައެކަނި ވެހިކަލް ރަޖިސްޓްރީ ހޯދަން ހުށަހަޅާ ލިޔުމެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

ވެހިކަލް ރަޖިސްޓްރީ ކުރާއިރު، ހަގީގަތުގައިވެސް ޖާގަ އޮންނާނެ މެކޭނިޒަމެއް އޮންނަންޖެހޭ ކަމަށާއި މިހާރު އޮންނަ ގޮތުން ވެހިކަލް ރަޖިސްޓްރީ ކުރުމަށް ލިޔުން ހުށަހަޅާ ތަންތަން އެހެން ކަންކަމަށް ބޭނުން ކުރެވޭ ގޮތަށް، ފިހާރައާއި ކޮފީ ޝޮޕް ފަދަ ތަންތަނަށް ރަޖިސްޓްރީ ކުރެވޭ ކަމަަށްވެސް މުއިއްޒު ވިދާޅުވިއެވެ.