ސްރީ ލަންކާގައި މިއަދު ހަވީރު ފަށަން އޮތް މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގެ ފުރަތަމަ މެޗު މާދަމާ ހަވީރަށް ފަސްކޮށްފިއެވެ.

ކުރިން މުބާރާތުގެ ޝެޑިއުލްގައި އޮތް ގޮތުން ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނަން އޮތީ ބަންގުލަދޭޝްއާއި ސީޝެލްސްއެވެ. ލަންކާގެ ފުޓްބޯޅަ އިދާރާއިން ބުނެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުން އެމެޗު މާދާމާ ހަވީރަށް ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް މުބާރާތުގައި މިރޭ ރާއްޖެއާއި ލަންކާ ވާދަކުރަން އޮތް މެޗު، ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާނެ ކަމަށްވެސް ލަންކާ ފުޓްބޯޅަ އިދާރާއިން ބުނެފައިވެއެވެ.

މިރޭ ރާއްޖެއާއި ލަންކާ ކުޅޭ މެޗުގެ ކުރިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުވެސް އޮންނާނެއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ރާއްޖެއާއި ލަންކާ ކުޅޭ މެޗު ޝެޑިއުލްކޮށްފައި އޮތީ ލަންކާ ގަޑިން މިރޭ 8:00 ޖަހާއިރު ކުޅޭ ގޮތަށެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 ގައެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ސްރީލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ނަމާލް ރާޖަޕަކްސާ އަދި ރާއްޖޭގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުލަގަދަ ހަރަކާތްތަކެއް ލަންކާ އެފްއޭއިން ރާވާފައިވާ އިރު، ރަސްމިއްޔާތުގައި ލަންކާގެ މަޝްހޫރު އާޓިސްޓުން ކަމަށްވާ ބަތިޔާއާއި ސަންތޫޝްގެ އިތުރުން އުމައިރާ އަދި ރަންދީރާއި ޓީމުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

ލަންކާގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިރޭ ފަށާ ފޯ ނޭޝަންސް ކަޕަކީ ފީފާ ކަލަންޑަރުގެ ތެރެއިން އެގައުމުގައި ބާއްވާ ފުރަތަމަ މުބާރާތެވެ. މިފަހަރުގެ މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 19 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ އިރު، ފައިނަލް މެޗުގެ ހާއްސަ މެހެމާނަކަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.