އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހަމް ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފިއެވެ.

ވެސްޓް ހަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. މިރޭގެ ބައްޔަކީ ލީގުގައި ބަލިނުވެ 25 މެޗު ހަމަކުރުމަށްފަހު ލިވަޕޫލަށް ކުރިމަތިވި ފުރަތަމަ ބައްޔެވެ. މިރޭގެ މެޗުން ބަލިނުވެ ހިފަހައްޓާލި ނަމަ 1982 ވަނަ އަހަރު 25 މެޗުން ބަލިނުވެ އެ ކްލަބުން ހަދާފައިވާ ރެކޯޑު މުގުރާލުމަށް ލިވަޕޫލަށް ފުރުސަތު އޮތެވެ. އެ ރެކޯޑަކީ ލެޖެންޑަރީ ކޯޗު ބޮބް ޕައިސްލޭގެ ޓީމުން ހެދި ރެކޯޑެކެވެ.

މެޗަށް ނުކުތް އިރު ލިވަޕޫލަށް އެއްވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓެއް ގާތަށް ޖެހިލުމަށް ފުރުސަތު އޮތެވެ. ޗެލްސީން ރޭ ކުޅުނު މެޗުގައި އެއްވަރުވެފައި އޮތުމުން ލިވަޕޫލް ފުރުސަތުގެ ބޭނުން ހިފަން މިރޭގެ މެޗަށް ނުކުތް ނަމަވެސް ވެސްޓް ހަމްގެ އަތްދަށުވެ އެޓީމު ވަނީ ލީގު ތާވަލުގެ ހަތަރު ވަނައަށް ސޮއްސާލައިފައެވެ.

ލިވަޕޫލަށް 11 މެޗުން 22 ޕޮއިންޓް ލިބިފައިވާ އިރު، މިހާރު ތިންވަނައިގައި އޮތް ވެސްޓް ހަމްއަށް 11 މެޗުން 23 ޕޮއިންޓު ލިބިފައިވެއެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށްވެސް 11 މެޗުން 23 ޕޮއިންޓު ލިބިފައިވާ އިރު، އެޓީމަށް ވެސްޓް ހަމްގެ މައްޗަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. އެއްވަނައިގައި ޗެލްސީ އޮތީ 11 މެޗުން 26 ޕޮއިންޓާ އެކުގައެވެ.

މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ވެސްޓް ހަމްއިން ލީޑު ނެގިއެވެ. ޕަބްލޯ ފޯނާލްސް ނެގި ކޯނަރު ގޯލަށް ވަނީ އެލިސަން ބެކާ އަތުން ޖެހިގެންނެވެ. އެ ބޯޅައަށް ބެކާ މަސައްކަތް ކުރި އިރު، އޭނާއަށް އެންޖެލޯ އޮއްބޯނާގެ ފަރާތުން ވަރަށް ބޮޑަށް އުނދަގޫތައް ކުރިމަތިވިތަން ފެނިގެން ދިޔައެވެ.

ގޯލާއެކު ވެސްޓް ހަމްއިން ލީޑުގައި ހާފު ނިންމާލަން ދިޔަ ނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑު ޖެހި ހިތްގައިމު ހިލޭ ޖެހުމުން ލިވަޕޫލް ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލާއެކު ނަތީޖާ ހަމަހަމަކޮށް، ދެވަނަ ހާފުގެ ކުރީކޮޅުގައި ސަޑިއޯ މާނޭގެ ނުރައްކާތެރި ހަމަލާއަކުން ލިވަޕޫލް ލީޑު ނެގުމާ ގާތަށް ޖެހިލި ނަމަވެސް އެ ހަމަލާ މަތަކުރީ ލޫކަސް ފަބިއާންސްކީއެވެ.

ވެސްޓް ހަމްއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 67 ވަނަ މިނެޓުގައި ފޯނާލްސް ޖެހި ގޯލުންނެވެ. އަދި އޭގެ ދިހަ ވަރަކަށް މިނެޓު ފަހުން ލިބުނު ކޯނަރެއްގެ ބޭނުން ހިފައި، ޑިފެންޑަރު ކާޓް ޒޫމާ ވަނީ ބޮލުން ގޯލު ޖަހައި ވެސްޓް ހަމްއަށް ނަތީޖާ ފުޅާކޮށްދީފައެވެ. ލިވަޕޫލުން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި ޑީވޮކް އޮރީގީގެ ގޯލެއް ފެނުނު ނަމަވެސް އެޓީމަށް ނަތީޖާ އަނބުރައެއް ނުލެވުނެވެ.

ލީގުގައި އާސެނަލްއިން މިރޭ ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ވަޓްފޯޑު ބަލިކޮށްފައިވާ އިރު، އެޓީމު ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލައިފިއެވެ. އާސެނަލްގެ ހަމައެކަނި ގޯލު ޖަހައިދިނީ އެމީލް ސްމިތު ރޯވްއެވެ. ޓޮޓެންހަމްއާއި އެވަޓަން ލީގުގައި މިރޭ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.