ޔޫއޭއީގައި މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގެ ގަދަ 12ގައި އަފްގާނިސްތާނު ބަލިކޮށް، ގްރޫޕް ދޭއްގެ ސެމީ ފައިނަލުގެ ފަހު ޖާގަ ނިއު ޒީލެންޑުން ހޯދައިފިއެވެ.
އަބޫ ދާބީގައި މިރޭ ކުޅުނު މެޗުގައި ނިއު ޒީލެންޑުން އަފްގާނިސްތާނު ބަލިކުރީ އަށް ވިކެޓުންނެވެ. މެޗަށް ނުކުތް އިރު، ނިއު ޒީލެންޑަށް އަމިއްލަ ބާރުގައި ސެމީ ޔަގީން ކުރެވެން އޮތީ އަފްގާނު ބަލިކޮށްގެނެވެ. މިއަދުގެ މެޗުން އަފްގާނު މޮޅުވި ނަމަ، މުބާރާތުގެ ސެމީއަށް ދާން އިންޑިއާއާއި އަފްގާނިސްތާނަށް އަދިވެސް އުންމީދު އޮންނާނެއެވެ.
މުބާރާތުގެ ކުރިން ފެވަރިޓުންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އިންޑިއާއަށް ފެށުން ގޯސްވެ، އެޓީމަށް ގަދަ 12ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެމެޗުންވެސް ކުރިމަތިލާން ޖެހުނީ ދެ ބައްޔާއެވެ. އެހިސާބުން އިންޑިއާއިން ފޯމު ރަނގަޅުކޮށް ސްކޮޓްލޭންޑާއި އަފްގާނިސްތާނުގެ މައްޗަށް ކުރި ހޯދައި އުންމީދު އާކުރި ނަމަވެސް އަމިއްލަ ބާރުގައި ސެމީއަށް ދެވޭ ގޮތެއް ނުވިއެވެ. އިންޑިއާ ކެޓީ ގަދަ 12ގައި އެޓީމަށް ބާކީ އެއް މެޗު އޮއްވައެވެ. މާދަމާ ރޭ ނަމީބިއާއާ ދެކޮޅަށް އިންޑިއާއިން ގްރޫޕް ދޭއްގައި ކުޅޭ ފަހު މެޗަށް ނުކުންނަ އިރު، އެ މެޗުން ކިތަންމެ ބޮޑު ސްކޯއަކުން މޮޅުވި ނަމަވެސް ސެމީއަކަށް ނުދެވޭނެއެވެ.
ގްރޫޕް ދޭއްގެ އެއްްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދާ ޓީމު ޔަގީންވާނީ މިހާރު ޕާކިސްތާނު ކުޅޭ މެޗު ނިމުމުންނެވެ. ޕާކިސްތާނުންވެސް ސެމީ ޔަގީން ކޮށްފައި އޮތް އިރު، މިހާރު ކުޅޭ މެޗުގައި ސްކޮޓްލޭންޑް ބަލިކޮށްފި ނަމަ އެޓީމުން އެއްވަނައިގައި ސެމީއަށް ދާނެއެވެ.
މިއަދު ނިއު ޒީލެންޑާއި އަފްގާން ވާދަކުރި މެޗުގައި ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ފީލްޑް ކުރުމަށެވެ. ބެޓް ކުރަން އަރައި އަފްގާނީސްތަނުގެ ނަޖީބުﷲ ޒަދްރާން 48 ބޯޅައިން 73 ލަނޑު ހަދައި އެޓީމަށް ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ބާކީ ބައިގައި ނިއު ޒީލެންޑުން އުކުން ރަނގަޅުކުރިއެވެ. 20 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެ، ނިއު ޒީލެންޑަށް ޖުމުލަ ހެދުނީ 124 ލަނޑެވެ.
ބަދަލުގައި ކުޅެން އަރައި ނިއު ޒީލެންޑުން މެޗު ކާމިޔާބުކުރީ 18.1 އޯވަރުގައި ދެކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހަދައިގެންނެވެ.