ރިޕޯޓް

ގުރައިދޫ މަރު: އެންމެ 5 މިނެޓު، ތުއްތު ދަރިފުޅު މޫދަށް ގެނބި ވަކިވެދިޔައީ މަންމަ ތަށި ދޮންނަން ދިޔަ ވަގުތު

އަލީ ޔާމިން

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ސުނީތާ އުޅުނީ، އޭނާގެ ހަގު ދަރިފުޅު، އުމުރުން ދެ އަހަރު ނުފުރޭ ޝައްމާ އިބްރާހިމަށް ކާން ދިނުމައިގެނެވެ. ސުނީތާމެން ދިރިއުޅެމުން އަންނަ ގެ ހުންނަނީ، ރަށުގެ ހޭޅިފަށާ ކައިރީގައި ކަމުން، ޝައްމައަށް ކާންދިނުމަށް އާންމުކޮށް ސުނީތާ ގޮސް އުޅެނީ، ކުރިމަތީގައި ހުންނަ ގަސްތަކުގެ ހިޔަލަށެވެ. އެގޮތުން އިއްޔެ (ހޮނިހިރު ދުވަހު) މެންދުރުވެސް ސުނީތާ، އޭނާގެ ހަގު ދަރިފުޅު، ޝައްމަ އަތުގައި ހިފައިގެން ގޭ ކުރިމަތީގައި ހުރި ގަހުގެ ހިޔަލަށް ދިޔައީ ތުއްތު ޝައްމަ އަށް ކާން ދިނުމަށެވެ. އެއީ އިއްޔެ (ހޮނިހިރު ދުވަހު) 12:10 ހާއިރުއެވެ. ސުނީތާ ޝައްމައަށް ކާންދެމުން ދިޔައިރު، ޝައްމަ ދިޔައީ ދޮންވެއްޔާ ކުޅެމުންނެވެ. ޝައްމައަށް ކާންދީ ނިންމުމަށްފަހު، ސުނީތާ ގެއަށް ވަނީ ތަށި ދޮވެލުމަށެވެ. ވާނީ ފަސްވަރަކަށް މިިނެޓެވެ. ތަށި ދޮވެގެން އެނބުރި އައިއިރު ތުއްތު ޝައްމައެއް ފެންނާކަށް ނެތެވެ.

ޝައްމަ ގެއްލުނު ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި، ސުނީތާގެ އާއިލާގެ މީހަކު ބުނި ގޮތުގައި، ސުނީތާ ފުރަތަމަވެސް އައިސް އެހީ ދަރިފުޅު ޝައްމަ ކޮބައިތޯއެވެ. "ކޮބާ މަގޭ ދަރި؟" ސުނީތާ ހާސްވެ ހުރެ، ސުވާލު ކުރިއިރު، ކަމެއް ގޯސްވެއްޖެ ކަން އެތަނުގައި ތިބި މީހުންނަށް ރޭކާލިއެވެ. ވަގުތުން އެންމެން ފެށީ ތުއްތު ޝައްމަ ހޯދުމަށެވެ. ޝައްމައަށް ކާންދޭން ހުރި ހިސާބާ ރާޅުޖަހާ ހިސާބާ، ހުރީ ގާތްގަނޑަކަށް 80 ވަރަކަށް ފޫޓު ކަމުން ފުރަތަމަވެސް ބެލީ މޫދާއި ހޭޅިފަށެވެ. ނަމަވެސް ޝައްމައެއް ނުފެނުނެވެ. ފިޔަވަޅެއްހައި ހިސާބުވެސް ފެންނާކަށް ނެތެވެ.

"ޝައްމައަށް ކާންދޭން ތިބި ހިސާބާއި ހޭޅިފަށާ ދެމެދު ހުންނާނީ 80 ވަރަކަށް ފޫޓު. ވަރަށް ރީއްޗަށް މޫދު ފެންނާނެ. އެއްވެސް ގަހެއް އެއްޗެއްވެސް ނުހުންނާނެ. ދެން މި ސަރަހައްދަކީ ގެސްޓު ބީޗު ހިމެނޭ ސަރަހައްދެއް ކަމުން މޫދު ކުޅިވަރު ކުޅެންވެސް ބޭނުން ކުރާ ބީޗު މިއީ. ވަރަށް މީހުން ހޭލަމޭލައަށް އުޅޭނެ. ޝައްމަ ގެއްލުމުން އަހަރެމެން ފުރަތަމަވެސް ބެލީ މޫދާއި އަތިރިމަތި. ފިޔަވަޅެއްވެސް ފާހަގައެއް ނުވި. އެތަނުގައި ތިބި މީހުން ކައިރިން އަހައިގެންވެސް ޝައްމަ ވީތަނެއް ނުފެނުނު. ޝައްމަ ދުށް މީހަކު ނެތް" ސުނީތާގެ އާއިލާގެ މެންބަރު ވަން އަށް ކިޔައިދިނެވެ.

މޫދުން ޝައްމަ ނުފެނުމުން، ދެން މަސައްކަތް ކުރީ، އެއްގަމުން ޝައްމަ ފެނޭތޯއެވެ. ޝައްމައަކީ އެއް އަހަރާއި ދިހަ މަހުގެ ކުއްޖެއް ކަމުން މާދުރަށް އެކަނި ހިނގާފައި ނުދެވޭނެ ކަމަށް ބަލައި، ކައިރި ހިސާބުތައް އަތްފުނާ އަޅަން ފެށިއެވެ. ފަޅުގެތަކާއި ވަޅުތައް ބެލިއެވެ. ފުލުހުންގެ މަދަދާއެކުވެސް އެތައް ތަނެެއް ބެލިއެވެ. އެ ހުރިހާ ތަންތަން ބެލިއިރުވެސް ޝައްމައެއް ނުފެނުނެވެ.

އެއްގަމުން ޝައްމަ ނުފެނުމުން އަނެއްކާވެސް ޝައްމަ ހޯދުމުގެ މިސްރާބު ބަދަލުވީ، މޫދާ ދިމާއަށެވެ. އެގޮތުން، އެ ސަރަހައްދުގައި އެއިރު ޖެޓްސްކީގައި އުޅުނު ދެ ކުއްޖެއް ކައިރީގައި ޝައްމަ ފެނޭތޯ ބަލައިދޭން އެދުމުން، އެ ކުދިން ކުޑަ އިރުކޮޅަކަށް ދުއްވާލިތަނާ ދެފެންދޭތެރޭގައި އޮތް ޝައްމަގެ ހަށިގަނޑު ފެނުނެވެ. އެއީ ހޭޅިފަށާ 200 ވަރަށް ފޫޓު ދުރުންނެވެ. އެ ސަރަހައްދުގެ ފުން މިނުގައި ހުންނާނީ ފަަސް ވަރަކަށް ފޫޓެވެ. ދިޔަވަރު ބޮޑުއިރުވެސް ބޮޑު މީހެއްގެ އިސްކޮޅު ޖެހޭނެއެވެ. ޝައްމަ ނަގައިގެން ޖެޓްސްކީގައި އައިސް ހޭޅިފަށަށް ކައިރިކޮށްލުމާއެކު، ޝައްމަގެ ބައްޕަ އިބްރާހިމް އަބްދުއް ސައްތާރުގެ އަތްގަނޑިމަތީ ބާއްވައިގެން ސައިކަލުގައި ޝައްމަ ވަގުތުން ގެންދިޔައީ ސިއްހީ މަރުކަޒަށެވެ. ޑޮކްޓަރުންނާ ހަވާލީ އާއިލާގެ މެންބަރަކު ބުނީ ގޮތުގައި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ޝައްމަ ވަނީ މަރުވެފައެވެ.

ޝައްމަގެ ކުއްލި ވަކިވުމާއެކު އާއިލާ އަދިވެސް ތިބީ ޝޮކެއްގައެވެ. މަންމަ ސުނީތާ ހުރީ، އަލަތު ދަރިފުޅުގެ ކުއްލި ވަކިވުން ގަބޫލު ކުރަންވެސް ދަތިވެފައެވެ. ސުނީތާވެސް އަދި އޭނާގެ ފިރިމީހާ އިބްރާހިމްވެސް މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވެއެވެ. ސުނީތާގެ ފުރަތަމަ ކައިވެންޏަށް ދެ އަންހެން ކުއްޖަކު ލިބިފައިވާއިރު، އެތަނުން އެއް ކުއްޖަކު ވަނީ އުމުރުން ދެ އަހަރުގައި ލޭގެ ކެންސަރު ޖެހިގެން މަރުވެފައެވެ. އެއީ މީގެ 12 ވަރަކަށް އަހަރު ކުރިއެވެ. ދެވަނަ ކުއްޖާއަށް މިހާރު 11 އަހަރެވެ. ސުނީތާގެ ދެވަނަ ކައިވެންޏަށް ދަރިޔަކު ނުހުރެއެވެ. އިބްރާހިމްވެސް މީގެ ކުރިން ދެ ކައިވެންޏެއް ކުރިއިރު، އެ ދެބަނޑަށްވެސް އޭނާގެ 18 އަހަރު ނުފުރޭ ފިރިހެން ދެ ކުދިން ތިބެއެވެ.