ކުޅިވަރު

ރިލީސް ފީ ދެއްކުމުން އަލް ސާދުން ޒަވީ ބާސާއަށް ދޫކޮށްލައިފި

ގަތަރުގެ އަލް ސާދު އެސްސީއާއެކު ޒަވީ ހެނާންޑޭޒް ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.

ޒަވީ އަލް ސާދުއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ ބާސެލޯނާއިން ރިލީސް ފީ ދެއްކުމުންނެވެ. ޒަވީ ރަސްމީކޮށް ބާސާގެ ކޯޗުކަމާ ހަވާލުވާން ތައްޔާރުވަމުންދާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުން ޒަވީގެ ރިލީސް ފީގެ ގޮތުގައި ބާސާއިން ވަނީ ފަސް މިލިއަން ޕައުންޑު ދައްކައިފައެވެ. ޒަވީގެ އެއްބަސްވުން އުވާލިކަން ހާމަކޮށް، އަލް ސާދުން ނެރުނު ރަސްމީ ބަޔާނުގައި ބުނެފައި ވަނީ ޒަވީގެ ރިލީސް ފީ ބާސާއިން ދެއްކުމާއެކު އެ ކުލަބަށް ޒަވީ ދޫކޮށްލާފައިވާ ކަމަށާއި ބާސާއާއެކު އަބަދުވެސް ގުޅިގެން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އޭގެ އިތުރުން ކުލަބުން ބުނެފައި ވަނީ ޒަވީއަކީ ކުލަބުގެ ތާރީހުގައި މުހިއްމު ނަމެއް ކަމަށާއި ޒަވީއާއެކު ހޯދި ކާމިޔާބީތަކަކީ ރަން ކާމިޔާބީތަކެއް ކަމަށެވެ.

ބާސާގައި އެންމެފަހުން ހުރި ކޯޗު ރޮނާލްޑް ކޫމަން މަގާމުން ވަކިކުރީ މިދިޔަ މަހުގެ ފަހު ކޮޅުގައެވެ. ކޫމަން ކޯޗުކަމުން ވަކި ކުރުމާއެކު ބާސާއިން ކޯޗަކަށް ގެންދަން އެންމެ ފުރަތަމަ މަޝްވަރާ ކުރީވެސް ޒަވީއާއެވެ. ސަބަބަކީ ޒަވީއަކީ ކުލަބުގެ ލެޖެންޑަކަށް ވެފައި، ބާސާގެ ސިސްޓަމް ރަނގަޅަށް ދަންނާނެ މީހަކަށްވުމެވެ.

ބާސާއަށް 500 އަށްވުރެ ގިނަ މެޗު ކުޅެ، އެ ކުލަބާއެކު އެތައް ކާމިޔާބީއެއް ހޯދުމަށްފަހު ފުޓުބޯޅައިން ރިޓަޔާކުރި ޒަވީ އަނބުރާ ކުލަބަށް ދިޔުން ވެގެންދާނީ ސަޕޯޓަރުންނަށް ބޮޑު ހިތްހަމަޖެހުމަކަށެވެ. ބާސާއާއެކު ޒަވީ ވަނީ އަށް ފަހަރު ލީގު ކާމިޔާބުކޮށް، ތިން ފަހަރު ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. މިދިޔަ 20 ވަރަކަށް އަހަރު ފުޓުބޯޅަ ދުށް އެންމެ ކާމިޔާބު އެއް މިޑްފީލްޑަރު ޒަވީ ސްޕެއިންއާއެކު ދެފަހަރަށް ޔޫރޯ އަދި ވޯލްޑް ކަޕުވެސް ކާމިޔާބު ކޮށްފައިވާ އިރު، އޭނާގެ ކޯޗިން ކެރިއަރު ފެށީ 2019 ވަނަ އަހަރުއެވެ.

ގަތަރުގެ ކްލަބު އަލް ސާދާއެކު ޒަވީގެ ކޯޗިން ކެރިއަރު ފަށާފައިވާ އިރު، އެ ކުލަބާއެކު އޭނާ މިހާރު ވަނީ ގަތަރު ލީގާއި ކަޕުވެސް ކާމިޔާބުކޮށްފައެވެ. އަދި އެ ކުލަބުގެ ފުޓުބޯޅައަށް ބަދަލުތަކެއް ގެނެސް، ޒަވީ ވަނީ ޓެކްޓިކަލީ ރަނގަޅު ޓީމެއް އަލް ސާދުގައި ބިނާކޮށްފައެވެ.