މިދިޔަ އޮގަސްޓް މަހު ދައުރުވި ފަނޑިޔާރުންގެ އޯޑިއޯތަކުގެ މައްސަލައިގައި ކުރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދު ދެ މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން އޯޑިއޯތަކުގައިވާ އަޑާއި ގާޒީ ފާއިޒުގެ އަޑު ދިމާވާ ކަމަށް ފުލުހުން އަންގާފައިވާތީ އެ މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ މިދިޔަ ހޯމަ ދުވަހު ނިންމައިފައެވެ.
ޖޭއެސްސީން މިއަދު ބުނީ ގާޒީ ފާއިޒުގެ ސުލޫކީ މައްސަލައާ ގުޅިގެން އެ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ ދަށުން، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން މާދަމާއިން ފެށިގެން 60 ދުވަހަށް ގާޒީ ފާއިޒް ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ 83 ވަނަ ބައްދަލުވުމުގައެވެ.
ޖޭއެސްސީން މީގެ ކުރިން ބުނެފައިވަނީ އެ އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކުރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާއި އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހުންގެ އަޑު ދިމާނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ގާޒީ އަލީ އާދަމާއި ގާޒީ މުހައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކަކަށް ވާތީ އެ މައްސަލަ ނުބަލަން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީވެސް ޓެމްޕާކޮށް، ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކިވަކި ކުލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގިފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
ގާޒީ ފާއިޒުގެ އޯޑިއޯ ލީކް ކޮށްލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. އެ އޯޑިއޯގައި ގާޒީ ފާއިޒު ދައްކަވާފައިވަނީ ވޮޑުމުލާ ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅޭގޮތުންނެވެ.
އެ އޯޑިއޯގައި ގާޒީ ފާއިޒު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ހުކުމް ކުރީ ކޮންމެވެސް ވަރެއްގެ ނުފޫޒުތަކެއް އޮވެގެން ކަމަށާއި ހުކުމުގައި ސޮއިކުރީ "ސަވައިވް" ވާން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކުރީ، އެމަނިކުފާނުގެ މަސްލަހަތަށްޓަކައި ކަމަށާއި އެއީ ހުކުމް ނުކޮށްފި ނަމަ އެހެން ގޮތެއް ވެދާނެ ކަމަށްޓަކައި ކަމަށެވެ.
އެގޮތުން ރައީސް ޔާމީނަށް "އޭނާ ދެރައެއް ނުދޭނެ" ކަމަށާއި އޭނާ މައްސަލަ ނިންމީ ރައީސް ޔާމީނާ އެއްކޮޅަށް ކަމަށެވެ. އަދި އެވާހަކަ އިތުރަށް ދައްކަން ބޭނުންނުވާ ކަމަށާއި 2023ގައި އެ ވާހަކަތަކުގެ ތަފުސީލު ހާމަކުރާނެ ކަމަށްވެސް ފާއިޒު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު