ދިވެހި ގައުމީ ޓީމުގެ 12 ވަނަ ކުޅުންތެރިޔާއަކީ ލޮބުވެތި ސަޕޯޓަރުންނެވެ. އެއީ ޓީމުގެ ރޫހެވެ. ރަތް ކުލައިގެ ޖާޒީގައި ސަޕޯޓަރުން ދައްކާ ގައުމީ ރޫހަކީ ގައުމިއްޔަތުގެ ރަމްޒެވެ. އެކަން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުން ޔަގީންވެސް ކޮށްދީފިއެވެ. މުޅި ދަނޑު ފުރާލައި، އެތައް ބަޔަކު މެޗު ބަލަން ވަނީ ޓީމަށް ސަޕޯޓު ދިނުމަށެވެ. ހިތްވަރު ދިނުމަށެވެ. އެ މަންޒަރަކީ ކުޅުންތެރީން އުފަލުން ރޮއްވާލި މަންޒަރެކެވެ. އަނެއްކާވެސް އަނެއް މުބާރާތަށް ނުކުންނައިރު، ބޭނުންވާނެ މަންޒަރެއްވެސް މެއެވެ. އެކަން ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) ވަނީ ފާހަގަވެސް ކޮށްފައެވެ.

"އަނެއްކާވެސް މުބާރާތަކަށް ނުކުންނައިރު ސަޕޯޓަރުންނަށް ބުނެލަން އޮތީ، ހިތްވަރާއެކު ދެމި ތިބޭށޭ. ހަގީގަތުގައި ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ދިން ވަރުގަދަ ސަޕޯޓު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އެއީ ހަޔާތުގައިވެސް ފެނުނު އެންމެ ފޯރިގަދަ ސަޕޯޓު. ފުޓުބޯޅަ ހަޔާތުގައި އަދި ނުދެކެން އެހާ ބޮޑު ސަޕޯޓެއް. ދިވެހީންގެ ހައްގުގައި އެ ތަށި ނުހޯދުނީމަ ވަރަށް ދެރަވި. ތަށި ހޯދުމުގެ ކެޕޭސިޓީ އެބަހުރި. އިރާދަކުރެއްވިއްޔާ އެކަމަށް ކެނޑިނޭޅި ކުޅުންތެރިން މަސައްކަތް ކުރާނެ،" ލަންކާގައި ބާއްވާ މަހިންދަރާޖަޕަކްސާ ފޯ ނޭޝަންސް ކަޕް ކާމިޔާބު ކުރުމުގެ ރޫހުގައި ހުރި ކެޕްޓަން އަކޫ ބުންޏެވެ.

ލަންކާގެ މުބާރާތް މިމަހު އަށްވަނަ ދުވަހުން ފެށިގެން 17 އަށް ކުރިއަށްދާ އިރު، މިފަހަރު މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގުލަދޭޝް އާއި ސީޝެލްސްގެ އިތުރުން ލަންކާއެވެ. މިފަހަރު އޮތީ ގައުމުން ބޭރުގައެވެ. ހޯމްގެ ފައިދާ ނެގެން ނެތް ހާލަތެއް ނަމަވެސް، ލަންކާގައި ތިބި ދިވެހީން ތިބީ ފަހަތަށް ޖެހޭކަށް ނޫނެވެ. ލަންކާގައި ދިރިއުޅޭ އެތައް ދިވެހީންނެއް އަންނަނީ ޓީމަށް މަރުހަބާ ކިޔަން ތައްޔާރުވެ، ގައުމީ ޖޯޝު ދަމަހައްޓަން ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ލަންކާގައި އަބަދުވެސް ވަރަށް އަދަދެއްގެ ދިވެހީން ވަޒަންވެރިވެ ދިރިއުޅެމުން ދެއެވެ. އެއީ ދިވެހީންގެ ދެވަނަ ހޯމްއެވެ. އެ އިހުސާސް 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕުން ވަރަށް ބޮޑަށް ވެސް ސާފެވެ. އެތައް ހާސް ދިވެހީންނެއް ސްޓޭޑިއަމަށް ވަދެ ފޯރި ދިނެވެ. ޓީމަށް ހިތްވަރު ދިނުމަށް އެތައް ބަޔަކު ބުރަކޮށް މަސައްކަތް ކުރިއެވެ. ކޮވިޑް 19ގެ ހާލަތުގައި މިވަގުތު ލަންކާ އޮތް ނަމަވެސް، ހާލަތު ތަން ދިން މިންވަރަކުން އެކަން ކުރަން މިފަހަރުވެސް ދިވެހީން އަންނަނީ ފުރިހަމައަށް ތައްޔާރުވަމުންނެވެ.

"ރާއްޖޭގެ ގައުމީ ޓީމުގެ ފޯރިއަށް ކުރަން ޖެހޭ މަސައްކަތްތައް އެންމެން އެކުވެގެން ކުރަމުން މި އަންނަނީ. ގައުމީ ޓީމުގެ ކަންކަމަށް ތައްޔާރުވެ ފޯރި ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން މިދަނީ. ސަޕޯޓަރުން ދަނޑަށް ވައްދާނެ ކަމެއް އަދި ފައިނަލްއެއް ނުވޭ. އެކަމަކު ސަޕޯޓަރުން ވައްދާ ނަމަ އެކަމަށްވެސް ތައްޔާރުވެ ދަނޑުގައި ފޯރި ނަގާނެ ގޮތްތަކަށްވެސް އަންނަނީ ތައްޔާރުވަމުން. އޭގެ އިތުރުން ޖަގަހައެއް ތައްޔާރުކޮށް، މިހާރު އަންނަނީ ތީމް ލަވައެއްވެސް ތައްޔާރުކުރަމުން،" ލަންކާގައި ތިބި ދިވެހީންގެ ތެރެއިން ސަޕޯޓަރުންގެ ކަންކަމުގައި ހަރަކާތްތެރިވާ އޮފިޝަލަކު "ވަން"އަށް ބުންޏެވެ.

ސަޕޯޓަރުންނަށް ހިލޭ ޖާޒީ ދިނުމުގެ އިތުރުން ބާބަކިޔުތަކާއެކު މެޗުގެ ފޯރިއަށް ސަޕޯޓަރުން ތައްޔާރުވަމުން އަންނަ އިރު، މެޗު ބަލަން ދެވޭނަމަ ދަތުރުފަތުރުގެ އިންތިޒާމްތައްވެސް އަންނަނީ ހަމަޖައްސަމުންނެވެ. ސަޕޯޓަރުންނަށް ހާއްސަކޮށްގެން ޑްރީމަން ކެފޭ ތައްޔާރުކުރަމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބޭއިރު، އެ ތަނުގައި އެންމެނަށް ހުޅުވާލެވިގެން ފޭސް ޕެއިންޓިންނާއި ކޮފީ، ބޮނޑިބަތް އަދި ބާބަކިޔުތައްވެސް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ.

"ކަލުބޯވިލާގެ ކަސްޔަޕާ މަގުގައި ހުންނަ ޑްރީމަން ކެފޭއަކީ މި އިވެންޓްގެ ދިވެހި ސަޕޯޓަރުންގެ މައި ޖަގަހަ. އެއީ ދިވެހި ބަޔަކު ހިންގާ ކެފޭއެއް. މިހާރު އަންނަނީ ލަވަ ހަދައި އެ ލަވައިގެ ވީޑިއޯ ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން. ލަވައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ހަންނާނުގެ އިތުރުން ޝާނީ އާއި ތިއްތިމެން. އޭގެ އިތުރުންވެސް ހަމަ އެންމެން ގުޅިގެން ބައިވެރިވާނެ. މަސައްކަތުގައި ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންގެ އެއްބާރުލުންވެސް ވަރަށް ރަނގަޅަށް ލިބޭ. ހާއްސަކޮށް ސަފީރު އުމަރު އަބްދުލް ރައްޒާގުގެ އެހީތެރިކަން ވަރަށް ބޮޑު،" އޮފިޝަލު ބުންޏެވެ.

މި މުބާރާތުގެ ތައްޔާރީތައް ލަންކާ ސަރުކާރުންވެސް ވަމުން އަންނައިރު، އެ ގައުމުގެ ކޮވިޑް ހާލަތު އަދިވެސް އޮތީ އެންމެ ބޮޑަށް ކޮންޓްރޯލު ކުރެވިފައެއް ނޫނެވެ. ލަންކާ ސަރުކާރުން އެންމެ ފަހުން އާންމުކުރި ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ވަނީ ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދަން ހުއްދަދީފައެވެ. އެކަމަކު، އެ ގަވާއިދުގައިވާ ގޮތުން ކުޅިވަރު މެޗުތައް ނޫނީ މުބާރާތްތައް ބާއްވަން ޖެހޭނީ ސަޕޯޓަރުން ނުވައްދައެވެ.

ސަޕޯޓަރުން ވެއްދުމާމެދު އަދިވެސް މަޝްވަރާތައް ކުރަމުން އަންނައިރު، ވައްދާނަމަ ވައްދަން މަސައްކަތް ކުރަނީ 50 ޕަސެންޓް ސަޕޯޓަރުން ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ. އެ މަޝްވަރާތައް އަދިވެސް ދަނީ ކުރިޔަށެވެ. ދިވެހީން ގަބޫލުކުރާ ގޮތުގައި ދަނޑަށް ނުވަދުމަކީ މާޔޫސް ކަމަކަށް ވާނެއެވެ.

"ދަނޑަށް ވަދެވޭ ކަމެއް އަދި ނޭނގެ. ސަރުކާރުން އަންނަނީ އެކަމަށް މަސައްކަތް ކުރަމުން. ވަދެވޭނަމަ ދަތުރުފަތުރު ހަމަޖައްސައި އެކަންކަން ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ. ހަބަރުތައް އުޅޭ ގޮތުން ދަނޑަށް ވެއްދި ނަމަވެސް ޓިކެޓު އަގުބޮޑުވާނެ ކަމަށް ބެލެވޭ. އެއީ މަދުން ޓިކެޓު ވިއްކާތީ. އެކަމަކު އަގުބޮޑު ނަމަ އެކަމަށް ލުޔެއް ހޯދައިދޭންވެސް އެކިއެކި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާނަން،" ލަންކާގައި ހުރި އޮފިޝަލު މައުލޫމާތު ދިނެވެ.

ދިވެހީންގެ އެންމެ ފަހުގެ ތައްޔާރީތައް ފެންނާނެ ފޭސްބުކް ޕޭޖެއްވެސް މިހާރު ވަނީ ހަދާފައެވެ. އެކުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަތަން ޕޭޖުގެ މަންޒަރުތަކުން ފެނެއެވެ. ޕޭޖް ލިންކް: [ކޮލަމްބޯއިން ދިވެހީންގެ ފޯރި ](https://www.facebook.com/Colombo-in-dhivehin-ge-foari-101712698981867)

ބަންގްލަދޭޝް - ސީޝެލްސް (8 ނޮވެމްބަރު)

ރާއްޖެ - ލަންކާ (8 ނޮވެމްބަރު)

ބަންގްލަދޭޝް - ރާއްޖެ (11 ނޮވެމްބަރު)

ލަންކާ - ސީޝެލްސް (11 ނޮވެމްބަރު)

ލަންކާ - ބަންގްލަދޭޝް (14 ނޮވެމްބަރު)

ސީޝެލްސް - ރާއްޖެ (14 ނޮވެމްބަރު)

ފައިނަލް މެޗު (17 ނޮވެމްބަރު)