ޚަބަރު

އަޅައިލާނެ މީހަކު ނުވެގެން މާމެންދޫން ގުރައިދޫ މަރުކަޒަށް ގެންދިޔަ އަލިފުތާ ކޮވިޑުގައި މަރުވެއްޖެ

ރިފާ ހަލީލު

އަޅައިލާނެ މީހަކު ނުވެގެން ގއ. މާމެންދޫގައި މަގުމަތިވެފައިވަނިކޮށް މާލެ އަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ގެންދިޔަ އަލިފުތާ ކޮވިޑުގައި މަރުވެއްޖެ އެވެ.

އަލިފުތާ މަރުވެފައިވަނީ މިއަދު ހެނދުނު 7:19ގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. މިއީ ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި 244 ވަނަ މީހާއެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، އަލިފުތާގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ފެނި ޓެސްޓުކުރުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހު ހުޅުމާލެ ފެސިލިޓީއަށް ގެންދިޔަ ކަމަށާއި އޭގެ ފަހުން އޭނާއަށް ފަރުވާ ދެމުންދިޔައީ އެ ފެސިލިޓީގައި ބާއްވައިގެން ކަމަށެވެ.

މާމެންދޫގައި މަގުމަތިކޮށްލުމުން އަލިފުތާ ބަލައި ދޭނެ މީހަކު ހޯދަން އެރަށު ކައުންސިލުން އިއުލާނެއް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައެވެ. ނަމަވެސް އޭނާ ބަލައިދޭނެ މީހަކު ނުވިއެވެ. އަދި އާއިލާއިންވެސް އޭނާއާ ހަވާލެއް ނުވިއެވެ.

މާމެންދޫ ކައުންސިލުގެ އޭރުގެ ރައީސް މުހައްމަދު ޒައީމް މީގެ ކުރިން "ވަން" އަށް ވިދާޅުވީ އަލިފުތާގެ ވާރިސުން އޭނާއާ ހަވާލުވުމަށް އެދި ކޯޓަށް މައްސަލައެއް ހުށަހެޅި ކަމަށާއި އަދި ކޯޓުން އަމުރު ކުރުމުންވެސް އޭނާއާ ހަވާލުވުމަށް ވާރިސުން ދެކޮޅު ހެދި ކަމަށެވެ. ނަމަވެސް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް އޭނާ ގެންދިއުމަށް އެ މިނިސްޓްރީން ނިންމުމުން އެ މައްސަލަ ފަހުން ކޯޓުގައި ކުރިއަކަށް ނުގެންދެއެވެ.

އަލިފުތާ ގުރައިދޫ މަރުކަޒަށް ގެންދިޔައީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އަލިފުތާގެ އުފަން ދަރިޔަކު ނެތެވެ. އޭނާގެ އަނބިމީހާ މަރުވިތާ މިހާރު ހަތަރު އަހަރު ވަނީ ވެފަ އެވެ. މިހާތަނަށް އެމީހާ ބަލަމުން އައީ ދޮންދަރިއެކެވެ. އެމީހާއަކީ ވެސް އުމުުރުން 65 އަހަރުން މަތީ މީހެކެވެ. އެނާއަށް އަލިފުތާ ބެލެން ނެތުމުން އަލިފުތާ ގެންގޮސް ވާރިސެއްގެ ގޭގެ ދޮރުމަތީ ބޭންދީ އެވެ. ނަމަވެސް ވާރިސުން ހަވާލު ނުވުމުން ފުލުހުން ކައުންސިލާ ހަވާލުކުރީ އެވެ.