ހުޅުމާލެއަށް މައްޔިތުން އުފުލުމަށް އިސްލާމިކް މިނިސްޓްރީން ގަނެގެން ގެންގުޅުނު ދެ ދޯނި ނީލަން ކިޔަން އުޅުމުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަކި ގޮތެއް އަންގަންދެން އެކަން ނުކުރުމަށް އެންގުމަށްފަހު، އެ ދެ ދޯނި ފަޅުގައި އޮވެ ގިނަ ދުވަސްވެގެން އަޑިއަށް ދިއުމުން، އެ ދޯނިތަކާ މެދު ވަކި ގޮތަކަށް އަމަލު ކުރުމަށް ނުވަތަ ވަކި ގޮތަކަށް އަމަލު ނުކުރުމަށް އިއުތިރާޒު ނުކުރާ ކަމަށް އޭސީސީން އިސްލާމިކް މިނިސްޓްރީއަށް އެންގީ އެ ދޯނިތަކުގެ ފޮޓޯ ރިޕޯޓެއް ނެހެދުމުން ކަމަށް ބުނެފިއެވެ.

އެ ދޯނިތަކުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އޭސީސީގެ މެންބަރުން ހާޒިރުކޮށް، އެކަމާ ބެހޭގޮތުން ސުވާލުކުރުމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ކޮމިޝަނުން ގޮތެއް އަންގަންދެން ދެ ދޯނި ނީލަން ނުކިޔަން އެންގީ އެތަކެތީގެ ފޮޓޯ ރިޕޯޓެއް ހަދަން ކަމަށެވެ.

ލޮކްޑައުންގެ ސަބަބުން ފޮޓޯ ރިޕޯޓެއް ހެދުމަށްޓަކައި އެތަކެތީގެ ފޮޓޯ ނެގުމަށް ކޮމިޝަންގެ މުވައްޒަފުންނަށް ނުދެވި އުޅެނިކޮށް ކޮވިޑާ ގުޅިގެން ލޮކްޑައުންވީ ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ފަހުން ދޯނިތަކާ މެދު ދެން އަމަލު ކުރާނެ ގޮތެއް އަންގައިދިނުމަށް އިސްލާމިކް މިނިސްޓްރީން އެދުމުން، ދޯނިތަކާ މެދު ކޮންމެ ގޮތަކަށް އަމަލުކުރިޔަސް އިއުތިރާޒް ނުކުރާ ކަމަށް މިނިސްޓްރީއަށް އެންގީ ކަމަށެވެ. އޭރު ދޯނިތައް އަޑިއަށް ގޮސްގެން ފޮޓޯ ނުނެގޭވަރު ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން އެ ރަށްރަށުގައި ވަޅުލުން ހުއްޓާލައި، 2017 ވަނަ އަހަރު އެމީހުން ހުޅުމާލެއަށް ގެނެސް ވަޅުލާން ފެށިއެވެ. އޭރު ހުޅުމާލެއަށް މައްޔިތުން އުފުލަނީ އެކަމަށް ހާއްސަކޮށްފައިވާ ދޯންޏެއްގައެވެ. ނަމަވެސް ހަމަ އެ އަހަރުގެ ތެރޭގައި، އެ ނިންމުމަށް ބަދަލު ގެނެސް އެރަށެއްގައި މަރުވާ މީހަކު އެ ރަށެއްގައި ވަޅުލަން ނިންމިއެވެ.

އެ ދޯނިތަކާ ބެހޭގޮތުން އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ވަނީ، މިނިސްޓްރީން އެ ދެ ދޯނި ބޭނުން ކޮށްފައިވަނީ އެންމެ ތިން މަސް ދުވަހަށް ކަމަށާއި ދޯނިތައް ބޭނުން ކުރުން ހުއްޓާލާފައިވާތީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް ދޯނިތައް ނީލަން ކިޔުމުގައި އޭސީސީގެ އިއުތިރާޒެއް އޮތްތޯ ބެލުމަށް އެ ކޮމިޝަނަށް ލިޔުމުން، ދޯންޏާ ގުޅޭ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު މިނިސްޓްރީއަށް ވަކި އެއްޗެއް އަންގަންދެން ދޯނިތައް ނީލަން ކިޔުން ފަސްކުރުމަށް، އޭސީސީން އެންގީ މިދިޔަ އަހަރު ކަމަށެވެ.

އެކަން އެގޮތަށް އޮއްވައި ކޮވިޑުގެ ސަބަބުން މާލެ ފުރަބަންދު ކުރުމާ ގުޅިގެން ދޯނިތަކުގެ ހާލަތު ބެލުމަށް ނުދެވުމުން ގަދަ ވިއްސާރައިގައި ދޯނިތަކަށް ދިޔަވެ އެއްކޮށް އަޑިއަށް ދިޔައީއެވެ.