ޚަބަރު

18 ކިލޯގެ ޑުރަގާއެކު ބްރެޒިލްގެ ދެ މީހަކު އެއާޕޯޓުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފި

މުހައްމަދު އިޝާން

ރާއްޖެއަށް ވައިގެ މަގުން 18 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބްރެޒިލް ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ރާއްޖެއަށް 18 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބްރެޒިލްގެ އަންހެނެއް ކަމަށްވާ ނައިރު ނޫނެސް ޑިސޫޒާ (37އ) އަދި ހަމަ އެގައުމުގެ ފިރިހެނެއް ކަމަށްވާ ކްރިސްޓިއާނީ ސިލްވާ (28އ)އެވެ. އެ މީހުން ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަން އެއާޕޯޓުންނެވެ.

ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފެނިފައިވަނީ ކްރިސްޓިއާނޯ ސިލްވާގެ ލަގޭޖުންނެވެ. އޭނާގެ ލަގެޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންނާއެކު 18.857 ކިލޯ ހުއްޓެވެ.

އިއްޔެ ކުރިމިނަލް ކޯޓުން ވަނީ އެ މައްސަލައާ ގުޅިގެން އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްދީފައެވެ. އެ ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ނައިރު ނޫނެސް ޑިސޫޒާގެ ބަންދަށް ހަތް ދުވަސް އަދި ކްރިސްޓިއާނީ ސިލްވާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ

އޮފިޝަލު ވިދާޅުވީ، ކްރިސްޓިއާނޯ ސިލްވާ އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް ކްރިސްޓިއާނޯ ސިލްވާގެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަން އޭނައަށް ނޭނގޭ ކަމަށް ނޫނެސް ޑިސޫޒާ ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.

އެ ދެ މީހުންވެސް ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮވެދާނެ ކަމަށް ބަލައިފައި ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.