ކުޅިވަރު

މަރުގެ މެޗަކަށް ނުކުމެ އަފްގާން ބަލިކޮށް، އިންޑިއާއަށް އުންމީދެއް

ޔޫއޭއީގައި ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕުގެ ގަދަ 12 ގައި އިންޑިއާއިން ހޯދި ފުރަތަމަ މޮޅާއެކު އެޓީމަށް ސެމީ ފައިނަލްގެ އުންމީދެއް ލިބިއްޖެއެވެ.

އަބޫދާބީގެ ޝެއިޚް ޒައިދު ސްޓޭޑިއަމްގައި ރޭ އިންޑިއާއިން އަފްގާނިސްތާން ބަލިކުރީ 66 ލަނޑުންނެވެ. ރޭގެ މެޗަކީ މުބާރާތުގެ ސެމީގެ އުންމީދަށް އިންޑިއާއަށް ކޮންމެހެން މޮޅުވާން ޖެހިފައި އޮތް މެޗެކެވެ. މެޗަށް ނުކުތްއިރު އިންޑިއާ އޮތީ ގްރޫޕް ދޭއްގައި ފުރަތަމަ ކުޅުނު ދެމެޗުންވެސް ބަލިވެ، ކެޓުމާ ގާތުގައެވެ. ފުރަތަމަ މެޗުގައި ޕާކިސްތާނު އަތުން 10 ވިކެޓުން އިންޑިއާ ބަލިވެފައި އޮތްއިރު، ދެން ކުޅުނު މެޗުގައި ނިއު ޒީލެންޑް އަތުންވެސް ވީ ބައްޔެވެ.

ރޭގެ މެޗުން މޮޅުވެ އިންޑިއާއިން ދެ ޕޮއިންޓާއެކު އޮތީ ގްރޫޕްގެ ހަތަރު ވަނައިގައެވެ. އެއްވަނައިގައި އޮތް ޕާކިސްތާނަށް ސެމީ ޔަގީންވެފައިވާއިރު، ދެވަނައިގައި އޮތް އަފްގާނިސްތާނަށް ސެމީއަށް ދެވެން އޮތީ ދެން އޮތް މެޗުގައި ނިއު ޒީލެންޑް ބަލިކޮށްގެންނެވެ. ތިން ވަނައިގައި މިވަގުތު އޮތް ނިއުޒީލެންޑަށް ސެމީގެ ފުރުސަތު ބޮޑުކޮށް އޮތްއިރު، އެޓީމަށް އޮތީ ދެން އޮތް ދެމެޗުން މޮޅުވުމެވެ. އޭރުން އަމިއްލަ ބާރުގައި ސެމީއަށް ދެވޭނެއެވެ. އިންޑިއާ އަތުގައި ސެމީގެ އަމިއްލަ ބާރެއް އަދި ނެތެވެ. އިންޑިއާއަށް ދެން އޮތް ދެމެޗުން މޮޅުވެވުނު ނަމަވެސް، އެޓީމަށް ސެމީއަށް ދެވޭނީ ނިއުޒީލެންޑް މެޗަކުން ބަލިވެގެންނެވެ.

ރޭގެ މެޗުގައި ޓޮސް ދިމާވުމުން އަފްގާނުން ނިންމީ ފީލްޑް ކުރާށެވެ. އިންޑިއާގެ ބެޓިން އޯޑަރަށް ބަދަލުތަކެއް ގެނެސްގެން ރޭގެ މެޗަށް ނުކުމެފައިވާއިރު، އާންމުކޮށް އެއް ނަންބަރުގައި ބެޓަށް ނުކުންނަ ވިރާތު ކޯލީ ރޭގެ އޯޑަރުގައި އޮތީ ފަސް ވަނައިގައެވެ. އިންޑިއާއިން ފުރަތަމަ ބެޓް ކުރަން ނުކުތް ރޯހިތު ޝަރުމާ އާއި ކޭއެލް ރާހުލް ވަނީ ރަނގަޅު ރޭޓެއްގައި ލަނޑުތައް ހަދާފައެވެ. 47 ބޯޅައިން ރޯހިތު ވަނީ 74 ލަނޑު ހަދާފައެވެ. ރާހުލް ވަނީ 48 ބޯޅައިން 69 ލަނޑު ހަދާފައެވެ. 20 އޯވަރު ތެރޭގައި ދެ ކުޅުންތެރިން ނުބައިވެ، އިންޑިއާއިން ވަނީ 210 ލަނޑު ހަދާފައެވެ. އެއީ މިހާތަނަށް މި ވޯލްޑް ކަޕުގެ އެންމެ މަތީ ސްކޯއެވެ.

ބަދަލުގައި ކުޅެން އަރައި އަފްގާނަށް ކުރިމަތިލާން ޖެހުނީ އިންޑިއާގެ ވަރުގަދަ އުކުންތެރިން ކަމަށްވާ ޖަސްޕުރީތު ބުމްރާ އާއި މުހައްމަދު ޝާމީގެ ބާރު ބޯޅަތަކާއެވެ. ޝާމީ މެޗުގައި ތިން ވިކެޓް ނަގާފައިވާއިރު، އަފްގާނަށް 20 އޯވަރު ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 144 ލަނޑެވެ.

ޓީ20 ވޯލްޑް ކަޕްގެ ގަދަ 12ގައި މިއަދު އޮސްޓްރޭލިއާ ނުކުންނާނީ ބަންގުލަދޭޝްއާ ދެކޮޅަށެވެ. މިރޭ އޮންނަ މެޗުގައި ވެސްޓް އިންޑީސް ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.