ރިޕޯޓް

އައިޖީއެމްއެޗް ނަރުހުގެ މަރު: މަރުގެ އިރުކޮޅެއް ކުރީން ފިރިމީހާގެ ދިވެހި ލޯބިވެރިޔާ ދަރިފުޅު ގެންދިޔަ؟

ރިފާ ހަލީލު

2

އައިޖީއެމްއެޗްގެ ޑަޔަލިސިސް ސެންޓަރުގައި މަސައްކަތް ކުރާ މޭރީ ގްރޭސް ޕިނޭޑާ މިދިޔަ މަހުގެ 19 ވަނަ ދުވަހު ހެނދުނު ޑިއުޓީއަށް ދިޔައިރުވެސް މޫނުމަތީން ފެނުނީ ހިނިތުންވުމެވެ. ދިރިއުޅުމުގައި މައްސަލަތައް ދިމާވިޔަސް އެކަން ޑިއުޓީގަޑީގައި ފާޅެއް ނުކުރެ އެވެ. އެކުގައި މަސައްކަތް ކުރާ ނަރުހުންނަށް އޭނާގެ ދިރިއުޅުމުގައި ދިމާވި މައްސަލަ ކިޔައިދިން ނަމަވެސް މަސައްކަތް ކުރަމުންދިޔައީ ނުލާހިކު އޯގާތެރި ނަރުހެއްގެ ގޮތުގަ އެވެ. ހިތްފަޅައިގެން ގޮސްފައި ހުއްޓަސް މޫނުމަތިން ދައްކަމުން ދިޔައީ ހިނިތުންވުމެވެ. އަމަލުން އޯގާތެރިކަމެވެ.

އައިޖީއެމްއެޗުގެ ޑިއުޓީ އަށް އެދުވަހު އޭނާ ނިކުމެ ލިބުނު ހުސްވަގުތުގައި ގެއަށް ދިޔައީވެސް އެތަނުގައި ތިބި ބަލި މީހުންނާއި އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިނިތުންވެ ހުރެ އުފާވެރި މޫނެއް ދައްކަމުންނެވެ. ފަހަރެއްގައިވެސް ކުރިމަތިން ދެން އަންނާނެ ބިރުވެރިކަމެއްގެ ހިލަމެއްވެސް ނުވެ އެވެ. ވަކި ތަފާތު ކަމެއް އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވުނެވެ.

ގެއަށް ދިޔަތާ އިރުކޮޅެއް ތެރޭގައި މޭރީގެ ފިރިމީހާ، މޭރީގެ ހަށިގަނޑު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވަނީ، "ސަފޮކޭޓް" ވެގެން މަރުވެއްޖެ ކަމަށް ބުނެ އެވެ. އޭގެ ފަހުން ބުނި ކަމަށް ވަނީ އޭނާ ދަންޖެހިގެން އަމިއްލަޔަށް މަރުވީ ކަމަށެވެ.

ހާދިސާގެ ކުރިތައް ފަޅައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވޭ އިރު، "ވަން"ގެ ނޫސްވެރީން ކުރި މަސައްކަތުން ފާހަގަވީ މަރުގެ ފަހަތުގައި އެތައް ކަމެއް ހިމެނޭ ކަމެވެ. މައުލޫމާތު އެނގޭ މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް "ވަން" އަށް ބުނީ މޭރީ އާއި އޭނާގެ ފިރިމީހާ އެ ހޮސްޕިޓަލާ ގުޅުނު އިރު އެއީ ވަރަށް ލޯބިން އުޅުނު ދެމަފިރިން ކަމަށާއި އެ ގުޅުން ހީނަރުވާން ފެށީ މޭރީގެ ފިރިމީހާ ދިވެހި ނަރުހަކާ ލޯބީގެ ގޮތުން ގުޅުނު ހިސާބުން ކަމަށެވެ. މޭރިގެ ފިރިމީހާ އާއި އޭނާގެ ދިވެހި ލޯބިވެރިޔާއާ ދެމީހުން ފާޅުގައި ހޮސްޕިޓަލް ތެރޭގައްޔާއި ބޭރު ތެރޭގައިވެސް އުޅޭ ކަމަށާއި ފަހުންފަހުން އައިސް މޭރީއާ ހަޑިހުތުރު ބަހުން މުއާމަލާތް ވެސް ކުރާ ކަމަށެވެ. މޭރީވެސް މި ދިވެހި އަންހެން މީހާއާ ޒުވާބު ކުރާ ކަމަށް "ވަން" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މޭރީ އާއި އޭނާގެ ފިރިމީހާގެ ގުޅުން ހީނަރުވަމުންދިޔަ ނަމަވެސް ދިވެހި ނަރުހާއި މޭރީގެ ފިރިމީހާގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. އެކަމަކު ކައިވެންޏަކާ ހިސާބަށް އެ ދެ މީހުންނަށް ދެވޭކަށް ނެތެވެ. ސަބަބަކީ ފިރިހެން މީހާ އާއި މޭރީ އަކީ ފިލިޕީންސަށް ނިސްބަތްވާ ދެ މީހުންނަށް ވުމުން އެގައުމުގެ ގާނޫނު އޮންނަ ގޮތުންނެވެ.

ފިލިޕީންގެ ގާނޫނުތައް އޮންނަ ގޮތުން ކައިވެންޏެއް ރޫޅައިލުން އެއީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަށް ޓަކައި އިދާރީ ގޮތުން ދިގު މަރުހަލާއެއް ކަނޑައްތު ކުރާން ޖެހެ އެވެ. ގިނަ ސުވާލު ތަކަކަށް ޖަވާބު ދޭން ޖެހެ އެވެ. ރަސްމީ އޮފީސްތަކުގައި މަރުހަލާތަކެއް ކަޑައްތުކުރާން ވެސް ޖެހެ އެވެ. ދެމަފިރީން ވަކިވާ ނަމަ އޭގެ "ޖަސްޓިފައިޑް" ސަބަބުތަކެއް ކޯޓަށް ހުށަހަޅާން ޖެހެ އެވެ. ކޯޓުން ވަރި ނަގައިދޭ ސަބަބުތައް ވަރަށް ބޮޑެއްޗެވެ. ހަމަ ހުރެފައި ވަރި ނަގައެއް ނުދެއެވެ. އެހެން ކަމުން މޭރީ ވަރިކުރުމަކީ އޭނާގެ ފިރިމީހާއަށް ފަސޭހަ ނޫން ކަމަކަށް އޮތީ ވެފައެވެ.

"ވަން" އާ ވާހަކަ ދެއްކި މީހާ ބުނީ ކޮންމެ ގޮތަކުން ވިޔަސް، ދިވެހި ނަރުސް ހާސިލުކުރުމަކީ މޭރީގެ ފިރިމީހާ އިންތިހާއަށް ބޭނުންވެފައި ހުރި ކަމެއްކަން ގިނަ ބަޔަކަށް އެނގޭ ކަމަށެވެ. އޭނާއާއި ދިވެހި ނަރުހާ ދެމެދު އޮތް ގުޅުމަކީ ސިއްރު ގުޅުމެއް ނޫން ކަމަށާއި އެ ދެމީހުންގެ ގުޅުން ފަހުން ފަހުން އޮތީ "އޯޕަން" ކޮށް ކަމަށް ވެސް ބުންޏެވެ.

"މޭރީ އާއި އޭނާގެ ފިރިމީހާ ޑިއުޓީ ބަހާލާފައި އޮންނަނީ އެކަކު ހެނދުނު ވިއްޔާ އަނެކަކު މިއޮންނަނީ ހަވީރު ޑިއުޓީ. އެ މީހުންގެ ހުންނާނެ ފަސް އަހަރުގެ ކުއްޖެއް. އެކުއްޖާ ބަލަން ކޮންމެވެސް އެކަކު ގޭގަ ހުންނަންވެގެން މިގޮތަށް ޑިއުޓި އޮންނަނީ. ދެން މޭރީ ގޭގަ ނޫޅޭ ވަގުތު މި ދިވެހި ނަރުސް ވެސް އެގެޔަށް ދާ ކަމަށް ވަނީ. މޭރީ މަރުވި ދުވަހުވެސް ދިވެހި ނަރުސް އެގެއަށް ދިޔަ ކަމަށް މައުލޫމާތު ލިބިފަ ވަނީ." އޭނާ ބުންޏެވެ.

މޭރީއަށް ދިވެހި ނަރުސް ފޮނުވީ ގުޑްބައި ޖަހާފައި އޮތް މެސެޖެއް

މޭރީ މަރުވި ދުވަހު މޭރީގެ ދަރިފުޅު ގޮވައިގެން ދިވެހި ނަރުސް ގެއިން ބޭރަށް ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށް "ވަން" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ. އެއީ މޭރީ މަރުވުމުގެ ހާދިސާގެ އިރުކޮޅެއް ކުރީން ކަމަށް ވެސް ބުންޏެވެ. ދިވެހި ނަރުހުގެ ފޯނަށް މޭރީ ގުޅި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އޭގެ ފަހުން އެ ދެމީހުންގެ ދެމެދުގައި ޒުވާބެއް ހިނގި ކަމަށްވެސް އަޑު އިވިފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ދިވެހި ނަރުސް އޭގެ ފަހުން މޭރީ އަށް "ގުޑްބައި" ޖަހާފައި މެސެޖެއް ކުރި ކަމަށްވެސް ވާހަކަ ދެކެވޭ ކަމަށް އޭނާ ބުންޏެވެ. އެ ފަދަ މެސެޖެއް ފޮނުވި ނަމަވެސް، އެއީ ނުބައި މާނައެއްގައި ފޮނުވި މެސެޖަކަށް ނުވެ ހިނގައިދާނެ ކަމަށްވެސް ބުނެޏެވެ. އެ ގޮތުން އެއީމޭރީގެ ދަރިފުޅު ގޮވައިގެން ދާތީ އެ މާނައިގައި ފޮނުވި "ގުޑް ބައި" މެސެޖެއް ކަމަށް ވެސް ވެދާނެ ކަމަށް ބުންޏެވެ.

އަންހެނަކު ކުޑަ ކުއްޖެއްގެ އަތުގައި ހިފައިގެން ދާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް "ވަން"ގެ ނޫސްވެރިޔާ އަށް ފެނުނު ނަމަވެސް އެއީ އެ ދިވެހި ނަރުސް ކަމެއް އަދި މޭރީގެ ދަރިފުޅު ކަން ޔަގީނާ ގާތާ ބުނާކަށް ނޭނގެ އެވެ. އެކަމަކު އޭގައި ފެންނަ ތާރީހާއި ގަޑިއަކީ މޭރީ މަރުވި ދުވަހުގެ މެންދުރު ވަގުތެކެވެ.

މޭރީ އައިޖީއެމްއެޗުން ބްރޭކަށް ދިޔައީ މެންދުރު 12 ޖެހި އިރު އެވެ. އޭނާގެ ފުރާނަ ނެތް ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭގެ ގަޑިއެއްހާ އިރު ފަހުންނެވެ. މަރު ސާބިތު ކުރީ ގާތްގަނޑަކަށް މެންދުރު ފަހު 1:45 ހާއިރު އެވެ.

މޭރީގެ ގަޔަށް އިންޖެކްޝަނެއް ޖެހި، އޭތި މޭރީގެ ގެއިން ފުލުހުންނަށް ލިބުނު؟

މޭރީ ދިރިއުޅޭ ގެ ހުންނަނީ އައިޖީއެމްއެޗާ މާ ދުރު ނޫން ހިސާބެއްގައި ކަމަށް އޭނާ ދަންނަ މީހުން ބުނެ އެވެ. "ވަން" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ މޭރީގެ މަރަށްފަހު ފުލުހުން އެ ގެ ފާސްކޮށް ބެލި އިރު އިންޖެކްޝަނެއް ފެނުނު ކަމަށް މައުލޫމާތު ލިބުނު ކަމަށެވެ. އެކަމަކު އެއީ ކޮން ކަހަލަ އިންޖެކްޝަނެއް ކަމެއް ނޭނގޭ ކަމަށާއި އޭރު މޭރީގެ ހަށިގަނޑު ބެލި ޑޮކްޓަރުންވެސް އޭނާގެ ގަޔަށް އިންޖެކްޝަނެއް ޖަހާފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

"ހަށިގަނޑު ގެނެސް ބާއްވާފަ އެހާ ގިނައިރެއް ނުވެ މޭރީގެ ފިރިމީހާ ގެޔަށް ދިޔަ ކަމަށްވަނީ. ފުލުހުން ދިއުމުގެ ކުރިން ތަން ސާފުކުރަން ކަމަށް ވެސް ވެދާނެ. ދެން އޭގެ އިރުތަކެއް ފަހުން އެ ފިރިހެން މީހާ އައީ. އޭރުވެސް ހުރީ ތެމި ފޯވެފަ. ވާރޭއެއްވެސް ނުވެހޭ. އެކަމަކު މޭރީގެ ހަށިގަނޑު ހިފައިގެން ފުރަތަމަ އައި އިރުވެސް އޭނާ ހުރީ އެއްކޮށް ތެމިފަ. ދެން ފުލުހުން ގޮސް ބެލި ބެލުމުން އެ ގެއިން އިންޖެކްޝަނެއް ފެނުނު ކަމަށްވެސް އަޅުގަނޑަށް މައުލޫމާތު ލިބުނު. އެކަމަކު ސީދާ ކޮންވައްތަރެއްގެ އިންޖެކްޝަނެއް ކަމެއް ނޭނގެ. އަދި އޭނާގެ ލޯބިވެރިޔާގެ ގެއިންވެސް އިންޖެކްޝަންތަކަކާ ސިރިންޖުތަކެއް ފެނުނު ކަމަށް ވާހަކަ ދެކެވޭ." ވަން އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

އެހެން ނަމަވެސް އެހެން މީހަކު ބުނީ މިއީ ނަރުހުން ކަމަށް ވާތީ، އެ ގޮތަށް އިންޖެކްޝަން ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އާއިލީ ބައެއް ފަރުވާއަކީ ވެސް ނަރުހުން ތިބޭ އާއިލާތަކުގައި އެމީހުން ކުރަމުން އަންނަ ކަމެއް ކަމުން، އެ ގޮތަށް އިންޖެކްޝަން ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އޭނާގެ ފިރިމީހާގެ ލޯބިވެރިޔާ ވެސް ހޮސްޕިޓަލަށް ގޮސް އިމަޖެންސީ ރޫމް ތެރޭގައި އުޅުނުތަން ބައެއް މީހުންނަށް ފެނިފައިވާ ކަމަށްވެ އެވެ. އެދުވަހަކީ މި ދިވެހި ނަރުހުގެ މެންދުރުފަހު ޑިއުޓީ އޮންނަ ދުވަހަކަށް ވެފައި އޭރު އޭނާ ޑިއުޓީ ފެށެން އެތައް އިރެއް އޮތުމުން، މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމުގެ ކުރީން އޭނާ ހޮސްޕިޓަލަށް ދިޔަ ސަބަބު ނޭނގޭ ކަމަށްވެސް ބުންޏެވެ. އަދި މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމަށްފަހުވެސް ދިވެހި ނަރުހާއި މޭރީގެ ފިރިމީހާ އެ ތަނުން އެކީގައި ފެނިފައިވާ ކަމަށް ވެސް ބުންޏެވެ.

މޭރީގެ ހަށިގަނޑާއެކު ފިލިޕީންސަށް ފުރުމަށް 8 ޕާސްޕޯޓެއް އިމިގްރޭޝަނާ ހަވާލު ކުރި!

މޭރީގެ މަރު ސާބިތު ވުމުން، އޭނާގެ ހަށިގަނޑު ހިފައިގެން ފިލިޕީންސަށް ދާން ފިރިމީހާ މަސައްކަތް ކުރި ކަމަށާއި އަދި އަށް ޕާސްޕޯޓެއް އިމިގްރޭޝަނަށް ހުށަހެޅި ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި ދިވެހި ނަރުހުގެ ޕާސްޕޯޓު ވެސް އޮތް ކަމަށް މުއުތަބަރު ފަރާތަކުން މައުލޫމާތު ދިން ކަމަށް ވަން އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

"8 ޕާސްޕޯޓެއް ހުށަހެޅި ކަމަށް އެމީހާ ބުނީ. އޭގެ ތެރޭގައި މޭރީގެ ޕާސްޕޯޓާއި އެމީހުންގެ ދަރިފުޅުގެ ޕާސްޕޯޓާއި ފިރިހެން މީހާގެ ޕާސްޕޯޓުގެ އިތުރުން އޭނާގެ ދިވެހި ލޯބިވެރިޔާގެ ޕާސްޕޯޓު އޮތް ކަމަށް ވަނީ. ދެން ހުށަހެޅީ ކޮންބައެއްގެ ޕާސްޕޯޓުކަމެއް ނޭނގެ. އެކަމަކު ދިވެހި މީހާގެ ޕާސްޕޯޓު އޮތް ކަމަށް ވޭ." އޭނާ ބުންޏެވެ.

ފުރުމުގެ ކަންކަން ހަމަޖެހުމުގެ ކުރިން މޭރީގެ މަރުގައި ޝައްކުތަކެއް ހުރި ކަމަށް ބަލައި ފިރިހެން މީހާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކުރި އެވެ.

"ވަން" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެންމެ ފުރަތަމަ ޑޮކްޓަރުން ނިންމީ މޭރީ އަމިއްލަޔަށް މަރުވީ ކަމަށް ކަމަށެވެ. އެއީ އޭނާގެ ފިރިމީހާއަކީ ނަރުހަކަށް ވެފައި އެތަނުގައި މަސައްކަތް ކުރާ މީހަކަށް ވުމުން އޭނާ ދެއްކި ވާހަކައަށް އިތުބާރު ކުރީ ކަމަށް ވެދާނެ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެ ދުވަސްވަރު މޭރީގެ ފިރިމީހާގެ ނަހަމަ ގުޅުމުގެ ސަބަބުން މޭރީ ހުރީ ވަރަށް ބޮޑަށް އުދަނގޫވެފައި ކަމަށް ވުމުން ކަމަށް ވެސް ވެދާނެ ކަމަށް އޭނާ ބުންޏެވެ.

މޭރީގެ ފިރިމީހާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލު ނުކުރާ މީހުންވެސް އެބަތިއްބެވެ. އެމީހުން ބުނަނީ މޭރީގެ ފިރިމީހާ އަކީ މީހުންނާ ގުޅޭ މީހެއް ކަމަށެވެ. އަދި ހިތްހެޔޮ މީހެއް ކަމަށެވެ.

"ވަން" އާ ވާހަކަ ދެއްކީ އިތުރު މީހަކު ބުނީ މޭރީގެ ފިރިމީހާ ދިވެހި ނަރުހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅުނަސް ރުންކުރު ގޮތެއް ހުރުން ފިޔަވައި އެހެން ކަމެއް އޭނާގެ ފަރާތުން ފާހަގަވެފައި ނުވާ ކަމަށެވެ. ހޮސްޕިޓަލް ތެރެއިންވެސް މޭރީ އާ ދިމާލަށް ބާރަށް ވާހަކަ ދައްކާނީ ދިވެހި އަންހެންމީހާ އާ ދިމާލަށް މޭރީ އެއްޗެއް ބުނެފި ނަމަ އެކަނި ކަމަށްވެސް ބުންޏެވެ.

"އަސްލު ގަބޫލު ކުރަންވެސް ދަތި މޭރީ ސިސްޓާގެ ހަޒްބެންޑް އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް. ވަރަށް ރަނގަޅު ވަރަށް ހިތްހެޔޮކޮށް އުޅެނީ. އެކަމަކު މިހެން ބުންޏަސް މީހެއްގެ ގޮތް މުޅިއަކުން ބުނާކަށް ނޭނގެ. ދިވެހި އަންހެން މީހާއަކީވެސް ވަރަށް މަޑު މަޑުން ހުންނަ މީހެއް. އަނެއްހެން މަސައްކަތްތައްވެސް ރަނގަޅަށް ކުރާ މަސައްކަތުގެ އަހުލާގު ރަނގަޅު ކުއްޖެއް ގޮތުގަ އަޑު އިވެނީ. ދެން ކީކޭ ދޯ ބުނާނީ. ދެކޮޅަށް ވާހަކަ ދައްކާތީ އެއްޗެއް ބުނަން ޔަގީނާ ގާތަކަށް ނޭނގެ." އޭނާ ބުންޏެވެ.

މޭރީގެ މަރާ ގުޅިގެން ފުލުހުން ވަނީ އޭނާގެ ފިރިމީހާ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހާފަ އެވެ. މޭރީ މަރުވީ އަމިއްލައަށްތޯ ނުވަތަ މީހަކު އޭނާ މަރާލީތޯ ޔަގީންކުރުމަށް އޭނާގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓު މޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާފަ އެވެ. މޭރީގެ ފިރިމީހާގެ ލޯބިވެރިޔާގެ ފޯނު މިހާރު ހިފަހައްޓާފައިވާއިރު އޭނާވަނީ ވަޒީފާގެ މަސްއޫލިއްޔަތު ތަކުން އެކަހެރި ކޮށްފަ އެވެ. އަދި އޭނާއާ ގުޅުން ހުރި ތަން ތަން ވެސް ފުލުހުން އަންނަނީ ބަލައި ފާސްކުރަމުން ކަމަށް ވަން އަށް ވަނީ އެނގިފަ އެވެ.

އަމިއްލަޔަށް މަރުވި ކަމަށް ބުނި ނަމަވެސް މޭރީގެ ހަށިގަނޑު ގާތުން ފެނުނު ބައެއް މީހުން މީގެ ކުރިން ބުނީ އޭނާގެ ހަށިގަނޑުން އަމިއްލަޔަށް މަރުވި ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށެވެ. ދަންޖެހޭ މީހުންގެ ކަރު ދެމިފައި ހުންނަ ގޮތަކަށް އޭނާގެ ކަރު ދެމިފައެއްވެސް ނެތް ކަމަށެވެ. އަދި ކަރުގައި ވެސް އެފަދަ ނިޝާންތަކެއް ނެތް ކަމަށެވެ.