ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ އަންހެން ޗެމްޕިއަންކަން އައިމިނަތު އަރީޝާ (އަރީ) އާއި އައިޝަތު އިމްތިނާން (ނާން)ގެ ޕެއާއިން ހޯދިއިރު، ރޭ ކުޅުނު ފިރިހެން ފައިނަލް ކާމިޔާބުކޮށް، ފިރިހެން ޗެމްޕިއަންކަން އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އިން ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލްގައި އަރީޝާ އާއި އިމްތިނާން ވާދަ ކުރީ ފާތިމަތު ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ ޕެއާއާ ދެކޮޅަށެވެ.
ހުޅުމާލޭ ބީޗް ވޮލީ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ސެޓު ޖޫޒާން އާއި މާޖިދާ ގެންދިޔައީ 22-20 އިންނެވެ. ހިތްވަރާއެކު އެ ސެޓު ޖޫޒާން އާއި މާޖިދާގެ ޕެއާއިން ގެންދިޔަ ނަމަވެސް ދެވަނަ ސެޓުގައި އިމްތިނާން އާއި އަރީޝާ ވަނީ މޮޅަށް ކުޅެ، 21-11 އިން ސެޓު ގެންގޮސްފައެވެ. ތިންވަނަ ސެޓު 15-8 އިން ކާމިޔާބުކޮށް އަރީޝާ އާއި އިމްތިނާން ޗެމްޕިއަންކަން ޔަގީން ކުރިއެވެ.
އަންހެން 23 އަހަރުން ދަށުގެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު އަފާފް ނިޒާމާއި ނަރީމާ އިދުރީސްގެ ޕެއާ އެވެ. އަފާފާއި ނަރީމާގެ ޕެއާ ފައިނަލުގައި ސީދާ ދެ ސެޓުން މޮޅުވީ ފާތިމަތު މާހިޔާ އާއި އައިޝަތު ޒައިނާ އިބްރާހިމްގެ ޕެއާއާ ވާދަކޮށެވެ. ސެޓުތައް ގެންދިޔައީ 21-18 އާއި 21-14 އިންނެވެ.
ރޭ ހުޅުމާލޭ ބީޗް ވޮލީ ކޯޓުގައި ކުޅުނު ފިރިހެން ފައިނަލުގައި ކޯކޭ އާއި ޑެންޒޯ ވާދަކުރީ ތަޖުރިބާކާރު ޕެއާ އަޝްފާގު އާދަމް (އައްކަޅޭ) އާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ)ގެ ޕެއާއާ ދެކޮޅަށެވެ.
މެޗުގެ ފުރަތަމަ ސެޓު އައްކަޅޭ އާއި ކާއްޓެގެ ޕެއާ އިން ގެންދިޔައީ 21-18 އިންނެވެ. އެ ސެޓު ގެއްލުނު ނަމަވެސް ޑެންޒޯ އާއި ކޯކޭ ވަނީ ގޭމުގެ ކޮންޓްރޯލް ހޯދައި ދެވަނަ ސެޓު 21-18 އިން ގެންގޮސްފައެވެ. މެޗުގެ ފަހު ސެޓު ޑެންޒޯ އާއި ކޯކޭ ގެންދިޔައީ 15-9 އިންނެވެ.
ފިރިހެން 23 އަހަރުން ދަށުގެ ތަށި އުފުލާލީ އަހުމަދު ނާފިއު އާއި ޝާމިލް މުހައްމަދުގެ ޕެއާ އެވެ. ފައިނަލުގައި މުހައްމަދު އަމާން އަސްލަމް އާއި ހަސަން ސަމީހްގެ ޕެއާ އަތުން ނާފިއު އާއި ޝާމިލްގެ ޕެއާ މޮޅުވީ 21-08 އާއި 21-10 އިން ސެޓުތައް ގެންގޮސްގެންނެވެ.
19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ހައިލަމް އާއި މާއިޝްގެ ޕެއާ އިންނެވެ. ފައިނަލުގައި ހައިލަމް ހަސަން އާއި މާއިޝް އަހުމަދުގެ ޕެއާ ބައްދަލުކުރީ މައުޒޫން ނިޔާޒާއި ޝާއިން އަބްދުﷲގެ ޕެއާއާއެވެ. މެޗު ތިން ސެޓަށް ދިޔައިރު، މެޗުގެ ސެޓުތައް ދިޔައީ 24-26، 21-08 އަދި 15-11 އިންނެވެ.