ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ލަންޑަނަށް ވަޑައިގެންފިއެވެ.

ޑަބްލިއުޓީއެމް އަކީ ޓްރެވަލް އެންޑް ޓޫރިޒަމް މާކެޓުތަކަށް އަމާޒުކޮށްގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ މުހިއްމު އެއް އިވެންޓެވެ.

ރައީސް ވަނީ ލަންޑަންގައި ކުރިއަށްދާ ޑަބްލިއުޓީއެމްއަށް މިއަދު ވަޑައިގެންފައެވެ. އެމަނިކުފާނުގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ވަނީ ޑަބްލިއުޓީއެމްގައި ހުރި ރާއްޖޭގެ ސްޓޯލްތަކަށް ވަޑައިގެން އެތަންތަނުގައި ހުރި ބައެއް ތަކެތި ބައްލަވައިލައްވައިފައެވެ. އަދި ރައީސް ވަނީ ސްޓޯލްގައި ތިބި ބައިވެރިންނާ ބައްދަލުކުރައްވައި ކޮވިޑުގެ ހާލަތުގައި ޓޫރިޒަމަށް ދިމާވި ދަތިތަކާއެކު ވެސް ރާއްޖެ އިސްތިހާރު ކުރުމަށް ކުރަމުންގެންދާ މަސައްކަތަށް ހިތްވަރުދެއްވައިފައެވެ.

ޑަބްލިއުޓީއެމްގައި ރާއްޖޭގެ 58 ޓްރެވަލް އެންޑް ޓޫރިޒަމް ކުންފުނިން ބައިވެރިވެފައިވެއެވެ.

ރައީސް ސޯލިހާއި އަރިހުގައި ވަޑައިގެންނެވި މަތީ ފަންތީގެ ވަފުދުގެ ބޭފުޅުން، ޑަބްލިއުޓީއެމްއަށް މި ވަޑައިގެންނެވީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ކުރިއަށްދިޔަ މިއަހަރުގެ އދ. ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް26)ގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.

ރައީސް ސޯލިހު ގްލާސްގޯއަށް ވަޑައިގެންނެވީ ދުބާއީގައި ބޭއްވި ވޯލްޑް އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ.