މާލޭގެ ގަލޮޅު ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

އެ މައްސަލައިގެ ތުހުމަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 63 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާ މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ދޫކޮށްލާފައިވަނީ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ލަފާދިނުމުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ ގަލޮޅު ސްކޫލުގެ ދަރިވަރަށް ޖިންސީ ގޯނާކުރި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގަލޮޅު ސްކޫލުގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައިގައި ތުހުމަތުކުރަނީ އެ ސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ އަންހެނަކަށެވެ. މި މައްސަލައިގައި ވަނީ އެ ސްކޫލުގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑުކޮށްފައެވެ.

އެ މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފައެވެ. ޖިންސީ ގޯނާގެ އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ.