އިލެކްޝަންސް ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ފުއާދު، "ވަން" އަށް ވިދާޅުވީ، އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މިއަދު ކަމަށާއި ކޮވިޑަށް ޓެސްޓު ކުރީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ގޮސް އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ފުއާދު ވަނީ އިއްޔެ އޮފީހަށްވެސް ވަޑައިގެންފައެވެ.

"އަޅުގަނޑު އިއްޔެ އޮފީހަށްވެސް ދިޔައިން. ކަން ދިމާކުރި ގޮތުން ދެ ސެޝަނެއްގެ ސްޓާފުންނާއެކު މީޓިންއެއްވެސް އިއްޔެ ބޭއްވިން،" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އޮފީހުގެ މާހައުލުގައި އޭނާ އުޅުނީ މާސްކު އަޅުއްވައިގެން، ބަހައްޓަން ޖެހޭ ގައިދުރުމިން ބަހައްޓައިގެން ކަމަށާއި މުވައްޒަފުންވެސް އުޅެނީ މާސްކު އަޅައިގެން ކަމަށެވެ.

ފުއާދު އިތުރަށް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، މާ ބޮޑު އުނދަގޫތަކާ ކުރިމަތި ނުވާ ކަމަށާއި ރޯގާގެ އަލާމާތްތައް ފިޔަވައި އެހެން އަލާމާތްތައް ނުފެންނަ ކަމަށެވެ. އަދި ހާލު ރަނގަޅު ކަމަށް ވެސް ވިދާޅުވިއެވެ.