ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުުމުގެ ދައުވާ ކުރަނީ ޒިކުރާ މިސްކިތް ހުރި ބިިމުގައި އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި މައްސަލައިގައެވެ. ޒިޔާދުގެ އިތުރުން ދެން އެ މައްސަލައިގައި ދައުވާކުރަނީ އިސްލާމިކް މިނިސްޓްރީގެ އެންޑޯސްމަންޓް ސެކްޝަންގެ އޭރުގެ ވެރިޔާ އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށެވެ.

ދައުލަތުން ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުުމުގެ ދައުވާ ކުރީ، ޒިޔާދު އިސްލާމިކް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު ޒިކުރާ މިސްކިތް ހުރި ބިމުގައި ދިހަ ބުރީގެ އިމާރާތެއް އަޅައި އޭގެތެރެއިން ހަ ބުރި އެސްޖޭ ކޮންސްޓްރަކްޝަނަށް އަދި ހަތަރު ބުރި ދައުލަތަށް ލިބޭ ގޮތަށް ޕްރޮޕޯސަލްގައި އޮއްވައި، ދައުލަތަށް ތިން ބުރި އަދި އެސްޖޭ ކޮންސްޓްރަކްޝަނަށް ހަތް ބުރި ލިބޭ ގޮތަށް އެއްބަސްވުން ހެދި މައްސަލައިގައެވެ. އެއްބަސްވުމުގައި ހައެއްގެ ބަދަލުގައި ހަތެއް އޮތީ ލިޔުމުގެ ކުށަކުން ކަމަށް ޒިޔާދުގެ ފަރާތުން ކޯޓުގައި ވަނީ ވިދާޅުވެފައެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް ދައުވާގައި ވަނީ ބުނެފައެވެ.

މިއަދު އެ މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، ދައުވާއާ ގުޅިގެން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ޝަފަހީ ހެކިންގެ ހެކިބަހުން އެމީހުންނަށް އެއްބަސްވުމާ ބެހޭ މާ ބޮޑު މައުލޫމާތެއް ލިބިފައި ނެތްކަން އެނގޭ ކަމަށެވެ. އެ ޕްރޮޖެކްޓަކީ ރައީސް އޮފީހުން ހާއްސަ ސަމާލުކަމެއް ދީގެން ފިނޭންސް މިނިސްޓްރީއާއި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) ގުޅިގެން ހިންގާފައިވާ ޕްރޮޖެކްޓެއް ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ޒިންމާ އަކީ ހަމައެކަނި އެ ފަރާތްތަކުން އަންގާ ގޮތަށް ޕްރޮޖެކްޓް ހިންގުން ކަމަށް ހެކިންގެ ހެކިބަހުން އެނގޭ ކަމަށް ގާޒީ މުހައްމަދު މިސްބާހު ވިދާޅުވިއެވެ.

ހުކުމުގައި އިތުރަށް ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ވެފައިވާ އެއްބަސްވުމަކީ މިނިސްޓްރީގެ އެކި ލެވެލްގައި އަދި ފިނޭންސް މިނިސްޓްރީން އެޕްރޫވަލް ދިނުމުން ވެފައިވާ އެއްބަސްވުމެއް ކަން ހެކިންގެ ހެކިބަހުން ސާބިތުވެފައިވާ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ލެވެލްގައި ބެލުމަށްފަހު ވެވުނު އެއްބަސްވުމުގައި އެހެން މީހުންނަށް ނުފެނުނު ކުށެއް ޑރ. ޒިޔާދަށް އެކަނި ފެންނަން ޖެހުމަކީ އިންސާނެއްގެ ބުއްދިން ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށެވެ.

އެއްބަސްވުމަށް ގާނޫނީ ލަފާ ހޯދުމަކީ ހަމައެކަނި ޑރ. ޒިޔާދުގެ ޒިންމާއެއް ނޫން ކަމަށާއި އެ ޒިންމާ މަތިކުރެވިފައި ވަނީ ފިނޭންސް މިނިސްޓަރީއަށް ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް ވެސް ހުކުމުގައި ގާޒީ މުހައްމަދު މިސްބާހު ވަނީ ވިދާޅުވެފައެވެ.

ހުކުމުގައި ވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް އެސްޖޭ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ދައުލަތުން ވިދާޅުވި ކަމަށާއި ނަމަވެސް އުސޫލުން ބޭރުން ހިމަނާފައިވާ ފައިސާކަން ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.

މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ވެސް ކުށް ސާބިތު ނުވާ ކަމަށް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފައެވެ.