މާލޭގެ ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި މައްސަލާގައި އާޓިސްޓެއް ކަމަށްވާ ގދ. ތިނަދޫ ހަސަން ފާއިޒު (ޖޭސަން)ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 15 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފިއެވެ.

ފާއިޒު 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުގެ 18:30 އެހާކަންހާއިރު އަނިޔާ ލިބުނު ފަރާތް (19އަހަރު) ކ. މާލެ، އިތާމުތްގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި ކޮޓަރިއަށް ގެންދިއުމަށްފަހު، އެތަނުގެ ތެރޭގައި އަނިޔާ ލިބުނު ފަރާތް ރޭޕްކޮށްފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ރޭޕް ކުރުމުގެ ދައުވާކޮށްފައެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ ރޭޕްކުރިކަމުގެ ދައުވާ ފާއިޒުގެ މައްޗަށް ސާބިތުވާތީ 15 އަހަރަށް ޖަލަށް ލުމަށެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމް ފާއިޒު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ފާއިޒު ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރީ ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޝަރުއީ އަދި ގާނޫނީ ހަމަތަކުން ބޭރުން ކަމަށް ބުނެއެވެ. އޭނާގެ ފަރާތުން ވަނީ އިސްތިއުނާފީ ފަސް ނުކުތާއެއް ހުށަހަޅައިފައެވެ.

އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިދެމުން ފާއިޒުގެ ފަރާތުން ބުނީ، ފުލުހުން ހެކި ހޯދާފައިވަނީ ގާނޫނާ ހިލާފަށް ބަލައި ފާސްކޮށްގެން ކަމަށާއި އޭނާގެ މައްޗަށް ކުރާ ދައުވާގެ ތަހުގީގު ފުރިހަމަ ވެފައި ނުވާ ކަމަށެވެ. ދެން ބުނީ ދައުވާ އުފުލިފައިވާ ކުށުގެ އަމަލުން ހަގީގަތުގައި ފުރިހަމަ ވާ ކުށުގެ ރުކުންތައް ފުރިހަމައަށް ވަޒަންކޮށް އެކަންކަމަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށެވެ. އަދި މައްސަލަ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކުން އުފުލިފައިވާ ދައުވާގައި ބުނާ ކަންކަން ދިމާ ނުވާ ކަމަށެވެ.

އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިމުމުން ފާއިޒު ބުނީ، އޭނާގެ މައްޗަށް ރޭޕް ކުރިކަމުގެ ދައުވާ ނުކުރެވޭނެ ކަމަށެވެ. ހުށަހެޅިފައިވާ ހެކިތަކުން އޭނާގެ މައްޗަށް ޒިނޭ ކުރިކަމުގެ ދައުވާ ކުރެވިދާނެ ކަމަށެވެ. ނަމަވެސް ދައުލަތުން ވިދާޅުވީ، ޒިނޭ އާއި ރޭޕްގެ ކުށް އެއްހަމަ ކުރަނީ ގާނޫނީ އަސާސެއް ނެތި ކަމަށާއި ދަށު ކޯޓަށް ހުށަހެޅި ދައުވާއަކީވެސް ރޭޕްކުރުމުގެ ކުށުގެ ދައުވާ ކަމަށެވެ. އަދި އެ ކުށުގެ އުންސުރުތައް ސާބިތުކޮށްދީފައިވާ ކަމަށެވެ.

ފާއިޒު ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ހައި ކޯޓުގެ މައްސަލަ ބެލި ބެންޗުން ރިއާޔަތް ކޮށް ހުކުމްކުރީ ކްރިމިނަލް ކޯޓުން ފާއިޒަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ބާތިލު ކުރަން ޖެހޭ ސަބަބެއް އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުން ފާހަގަ ނުވާ ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލުކުރަން ޖެހޭ ޝަރުއީ ނުވަތަ ގާނޫނީ އަސާސެއް ނެތް ކަމަށެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ، ފަނޑިޔާރު ހުސެއިން މަޒީދު، ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާ އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން މަޒީދު އެވެ.