މިދިޔަ އޮގަސްޓް މަހު ދައުރުވި އޯޑިއޯތަކުގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާ ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކޯޓުތަކުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލަސިސް ހެދުމަށް ފުލުހުންނަށް ހުށަހެޅުމުން، އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާ އިއްޔެގެ ވަގުތެއްގައި ކޮމިޝަނަށް ފޮނުއްވާފައިވާ ކަމަށެވެ
ޖޭއެސްސީން ބުނީ އޯޑިއޯ އެނާލަސިސްގެ ނަތީޖާއިން އެނގޭ ގޮތުގައި ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް އާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އަޑާ އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާ ނުވާކަން ކަށަވަރުވާ ކަމަށެވެ. އަދި ގާޒީ އަލީ އާދަމް އާއި މަހައްމަދު ސަމީރުގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއްކަން ފާހަގަކޮށް އެ ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ނެތް ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީވެސް ޓެމްޕާ ކޮށް، ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓް ކޮށް ނުވަތަ ވަކި ވަކި ކުލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލަސިސް އިން އެނގިފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
"ކުރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕާ ކޮށްފައިވާ އޯޑިއޯއެއްކަމުގައި ވިޔަސް، އެ އޯޑިއޯގައިވާ އަޑާއި އެ ބޭފުޅާގެ އަޑާ ދިމާވާ ކަމަށް އޯޑިއޯ އެނާލަސިސްގައި ކަނޑައަޅާފައި ވާތީ، ގާޒީ ފާއިޒު އެ ބޭފުޅާގެ އަޑުކަމާމެދު އިންކާރު ކުރިކަމުގައިވިޔަސް، މި މައްސަލަ ކޮމިޝަންގެ އިސްނެގުމަށް ތަހުގީގުކުރުމަށް ނިންމައި ތަހުގީގު ކޮމިޓީއެއް މިހާރުވަނީ އެކުލަވާލެވިފައި،" ޖޭއެސްސީގެ ބަޔާނުގައިވެއެވެ.
އެ އޯޑިއޯގައި ގާޒީ ފާއިޒު ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާ ކަމަށް ނުވަތަ ބައްދަލުކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒުފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
ނަމަވެސް އެ އޯޑިއޯގައި ކޯޓުގެ ޝަރީއަތަކާ ގުޅޭ ގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމަށާއި އެގޮތަށް ފަނޑިޔާރުގެ އަމަލު ބެހެއްޓެވުމުގެ ސަބަބުން ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ފަހިވި ކަމަށް ޖޭއެސްސީން ބުނެއެވެ. އަދި އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭ ގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލު ހިންގުމަށް މަގުފަހިވެގެން ދިޔަ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ގާޒީ ފާއިޒު ކަމަށް ބުނާ އޯޑިއޯ ލީކް ކޮށްލާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުއެވެ. އެ އޯޑިއޯގައި ގާޒީ ފާއިޒު ކަމަށް ބުނާ މީހަކު ވާހަކަ ދައްކަވާފައިވަނީ ވޮޑުމުލާ ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައިގެ ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުންނެވެ.
އެ އޯޑިއޯގައި ގާޒީ ފާއިޒު ކަމަށް ބުނާ މީހާ ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ހުކުމް ކުރީ ކޮންމެވެސް ވަރެއްގެ ނުފޫޒުތަކެއް އޮވެގެން ކަމަށާއި ހުކުމުގައި ސޮއިކުރީ "ސަވައިވް" ވާން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކުރީ، އެމަނިކުފާނުގެ މަސްލަހަތަށް ޓަކައި ކަމަށާއި އެއީ ހުކުމް ނުކޮށްފި ނަމަ އެހެން ގޮތެއް ވެދާނެ ކަމަށް ޓަކައި ކަމަށެވެ.
އެގޮތުން ރައީސް ޔާމީނަށް "އޭނާ ދެރައެއް ނުދޭނެ" ކަމަށާއި އޭނާ މައްސަލަ ނިންމީ ރައީސް ޔާމީނާ އެއްކޮޅަށް ކަމަށެވެ. އަދި އެވާހަކަ އިތުރަށް ދައްކަން ބޭނުން ނުވާ ކަމަށާއި 2023ގައި އެ ވާހަކަތަކުގެ ތަފުސީލު ހާމަކުރާނެ ކަމަށްވެސް ފާއިޒު ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު