ސްކޫލްތަކުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން މިހާތަނަށް ހުށަހެޅި 40 ވަރަކަށް މައްސަލައިގެ ތެރެއިން 30 މައްސަލައާ ގުޅޭ މީހުން މަގާމުތަކުން ވަކި ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު މިހެން ވިދާޅުވީ، ގަލޮޅު މަދަރުސާގެ ދަރިވަރަކަށް އެތަނުގެ މަސައްކަތު މީހަކު ޖިންސީ ގޯނާކުރި މައްސަލައެއްގައި އެމީހާ ހައްޔަރު ކޮށްފައިވާއިރު އެކަމާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތައް އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކީ ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ މައްސަލަ ތަކެއް ކަމަށެވެ.

ގަލޮޅު މަދަރުސާގެ ހާދިސާ ވެސް ހަމަ އެންގުމާއެކު ވަގުތުން ފިޔަވަޅު އަޅައި، ކުޑަކުދިންގެ މާހައުލުން އެކަހެރި ކުރުމަށް ދެމީހަކު ވަގުތުން ސަސްޕެންޑް ކުރި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލަ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީ އަށް ވަގުތުން ހުށަހެޅި ކަމަށާއި، ވަރަށް ބާރު ސްޕީޑްގައި ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލް ތަކަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް ވަރަށް ގިނަ ކަންތައްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

"އެގޮތުން ކޮންމެ ސްކޫލެއް ތެރޭގައި ހުންނާނެ އޮފިސަރެއް ބަހައްޓައިފަ މިކަހަލަ ކަމެއް ހިނގައިފިނަމަ ކަމާ ގުޅުން ހުރި ފަރާތްތަކަށް ވަގުތުން އެކަން އެންގުމަށް، އޭރުން ވަގުތުން އެކްޝަން ނެގޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ގަލޮޅު މަދަރުސާގެ ހާދިސާގެ ފަހުން ސްކޫލް ތަކުގެ މާހައުލު ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމުގެ މަސައްކަތް އިތުރަށް ވަރުގަދަ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.