ދުނިޔެ

ކެރެލާގެ ރީތީގެ ދެ ރާނީން ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

ކެރެއްލާގެ ރީތީގެ ދެ ރާނީން ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

މިއަހަރުގެ މިސް ސައުތު އިންޑިއާ އަދި 2019 ވަނަ އަހަރު މިސް ކެރެލާގެ ތާޖު ލިބުނު 25 އަހަރުގެ އާންސީ ކަބީރު އާއި ހަމަ އެ އަހަރުގެ މުބާރާތުން ރަނަރަޕަށް ދިޔަ 26 އަހަރުގެ އަންޖަނާ ޝަޖަން މަރުވެފައިވަނީ ހޯމަ ދުވަހުގެ އިރާކޮޅު ހިނގި އެކްސިޑެންޓެއްގައެވެ.

ކޮޗީގައި އެ އެކްސިޑެންޓު ހިނގާފައިވަނީ އެމީހުން ދުއްވަމުންދިޔަ ކާރު ދެ ފުރޮޅުލީ އުޅަނދެއް ކައިރިން ނައްޓަން މަސައްކަތްކުރަނިކޮށް، ކޮންޓްރޯލު ނުކުރެވި ފުރޮޅާލައިގެން ގޮހެވެ. އެ އެކްސިޑެންޓުގައި މި ދެމީހުން މަރުވެފައިވާއިރު ދެން ތިބި ދެމީހުންނަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

މި އެކްސިޑެންޓާ ގުޅިގެން މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ އެކްސިޑެންޓު ހިނގި ސަރަހައްދުގައި އާންސީ އަދި އަންޖަނާ މަރުވެފައިވާ ކަމަށާއި އިތުރު ދެ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓުގައި ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ވެސް ފުލުހުން ބުނެއެވެ. އެކްސިޑެންޓުވިއިރު ކާރުގައި އާންސީ އަދި އަންޖަނާގެ އިތުރުން ދެން ތިބި ދެމީހުންގެ ތެރެއިން އެކެއްގެ ހާލަތު ވަރަށް ނާޒުކު ކަމަށާއި ހަތަރުވަނަ މީހާއަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސްޓޭބަލް ކަމުގައި ފުލުހުން ރިޕޯޓުކުރެއެވެ.

ހޯމަދުވަހުގެ އިރާކޮޅު އާންސީ އަދި އަންޖަނާ އާއެކު ދެ ފިރިހެނުން ދުއްވަމުން ދިޔަ ކާރު އެކްސިޑެންޓުވެފައިވަނީ ކޯޗީ އިން ތުރިސޫރަށް ދަތުރުކުރަނިކޮށެވެ. ކޯޗީގައި އާންސީ އަދި އަންޖަނާގެ ފޮޓޯޝޫޓެއް ނިންމާލުމަށްފަހު ތުރިސޫރަށް ދިޔަ މަގުމަތީގަ އެވެ.