Close
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ކުރިޔަށް އޮތް ތަނުގައި ރޯޑުވާދިނަސް ހެދުމުގެ ހުއްދަ ދެވޭނީ ސެޓްފިކެޓެއް އޮތް ދިވެއްސަކު ހުންނަ ތަންތަނަށް އެކަނި

އިބްރާހިމް ޒަކީ

އާ އުސޫލުން ރޯޑުވާދިނަސް ހެދުމަށް ގަރާޖު ތަކަށް ހުއްދަ ދޭނީ ކަމާބެހޭ ސެޓްފިކެޓެއް އޮތް ދިވެއްސަކު ހުންނަ ތަންތަނަށް އެކަނި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަނު ނަހުލާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ، ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލު ވުމުގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ދީދީ، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު މިނިސްޓަރާ ސުވާލު ކުރެއްވީ، އެއްގަމު އުޅަނދު ފަހަރުގެ ރޯޑްވާދިނަސް ސެޓްފިކެޓް ދިނުމަށް ހުއްދަ ދީފައިވާ ގަރާޖު ތަކުން، އުޅަނދު ފަހަރު ޗެކްވެސް ކޮށްނުލައި، ބަލައި ލުމެއްނެތި ރޯޑުވާދިނަސް ސެޓްފިކެޓް ދޫކުރަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު މިނިސްޓްރީން އަޅާ ފިޔަވަޅު ތައް އޮޅުން ފިލުވުމަށެވެ.

އެކަމާ ބެހޭ ތަފްސީލް ދެމުން ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ ޝަކުވާތައް މިނިސްޓްރީއަށް ވެސް ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުންނާ މަޝްވަރާ ކުރުމުން، މަގުމަތީގައި ދުއްވާ ވެހިކަލް ތަަކަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަށް ކަށަވަރު ކުރުމަށް ރޯޑްވާދިނަސް ހެދުން މުހިއްމު ތަކެތިކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް ބުންޏެވެ.

އެހެންކަމުން ރޯޑްވާދިނަސް ސެޓްފިކެޓް ދިނުމުގައި މިހާރު އަމަލު ކުރަމުންދާ އުސޫލަށް ބަދަލު ގެނަސް ހަރުދަނާ އާ އުސޫލެއް އެކުލަވައިލައި، އިއުލާން ކުރުމުގެ މަގުމަތީގައި ވާކަމަށްވެސް ބުންޏެވެ.

އެ އުސޫލުގެ ދަށުން ރޯޑްވާދިނަސް ސެތްފިކެޓް ދޫ ކުރުމަށް ގަރާޖު ތަކަށް ހުއްދަ ދެވޭނީ، ވެހިކަލްތައް މޮނިޓާ ކޮށް ބެލެހެއްޓޭނެ ޓެކްނޮލޮޖީ ގާއިމް ކުރެވިފައިވާ ތަންތަނަށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހުއްދަ ދޭއިރު އެގަރާޖުގައި ޕޮލިޓެކްނިކު ނޫނީ ދިވެހި ސަރުކާރުގެ މުވައްސަސާއަކުން ގަބޫލު ކުރާ ފެންވަރުގެ ސަނަދެއް އޮތް ދިވެއްސަކު ހުންނަންޖެހޭނެ ކަމަށްވެސް ބުންޏެވެ. އެެހެން ނޫނީ ހުއްދަ ނުދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ރޯޑުވާދިނަސް ސެޓްފިކެޓް ދިނުމަށް 40 އަށްވުރެން ގިނަ ގަރާޖުތަކަށް މިހާރު ހުއްދަ ދީފައިވާއިރު، އަލަށް ހަދާ އުސޫލުގެ ދަށުން ޝަރުތު ހަމަވާ ފެންވަރަށް ހުރީ ހަތް ގަރާޖު ކަމަށްވެސް ބުންޏެވެ.

އާ އުސޫލުން ހުއްދަ ދޫކުރެވޭނީ މޮނީޓާކޮށް ބަލައި، އަދި ފިޔަވަޅު އަޅައި ހުއްދަ ބާތިލް ކުރެޥޭގޮތަށް ގަރާޖުތަކާއެކު ހަދާ އެއްބަސް ވުމެއްގެ ދަށުން ކަމަށްވެސް ބުންޏެވެ.

ޖަރާޖުތަކަށް ހުއްދަ ދޭނެ އާ އުސޫލު އިއުލާން ކުރާނީ، ޝަރުތު ހަމަ ކުރުމަށް މިހާރު ހުރި ގަޖާރުތަކަށް މުއްދަތު ދިނުމަށް މުއްދަތެއް ދިނުމަށްފަހުގައި ކަމަށާއި، އެ އަށްފަހު މިހާރު ހުއްދަ ދީފައިވާ ކކުރިހާ ގަރާޖު ތަކެއްގެ ހުއްދަ ބާތިލް ވާނެ ކަމަށް މިނިސްޓައު އާއިޝަތު ނަހުލާ ވިދާޅުވިއެވެ.