އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލާ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދުތައް ދުއްވުން މަނާވާނެ ކަމަށް ޓަރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީއިން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންތައް ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ ވޯޓުލުމަށްދާ ފަރާތްތަކަށާއި ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތަށް ދަތިވާތީ، ބޮޑު އުނޅަދުތައް ދުއްވުން މަނާވާނެ ކަމަށެވެ.

އެގޮތުން މާލެ މަގުތަކުގައި އަންނަ ހޮނިހިރު ދުވަހު ދުއްވުން މާނާ ބޮޑެތި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ، "ސީ2" އަދި "ސީ0" ކެޓަގަރީތަކުގެ އުޅަނދުތައް، "ޑީ" ކެޓަގަރީގެ އުޅަނދުތައް، "އީ" ކެޓަގަރީގެ އުޅަނދުތައް، "ވީ" ކެޓަގަރީގެ އުޅަނދުތަކެވެ.

އެ ކެޓަގަރީތަކުގެ ވެހިކަލްތަކުގެ ތެރޭގައި ބޮޑެތި ވޭނާއި ކާރާއި މުދާ އުފުލުމަށް ބޭނުންކުރާ ވެހިކަލްތަކާއި ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންކުރާ ވެހިކަލްތައް ހިމެނެއެވެ.

މިނިސްޓްރީން ވަނީ އެ އުސޫލާ ހިލާފަށް ދުއްވާ ވެހިކަލްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފައެވެ.

މި އުޅަނދުތައް މާލޭގައި ދުއްވުން މަނާ ވާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 6:00 އިން ރޭގަނޑު 8:00 އަށެވެ.

ނަމަވެސް ފާހަގަކުރެވިފައިވާ ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ މާލޭގައި ދުއްވާ ސަލާމަތީ ބާރުތަކުގެ އުޅަނދުތަކާއި ސަރުކާރުގެ އިދާރާތަކުގެ އާންމު ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އިސްތިސްނާވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.