ޓެކްސީ ނަފާ ލޯނު ސްކީމްގެ ދަށުން ލޯނު ނަގާފައިވާ ފަރާތްތަކަށް ކުރިމަތިވެފައިވާ ކަންބޮޑުވުންތައް ބަލައި، އެކަން ކަމަށް އިންސާފުވެރި ހައްލެއް ހޯދައިދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޓެކްސީ ނަފާ ލޯނުގެ ސްކީމާ ގުޅޭގޮތުން އާންމު ފަރާތަކުންވަނީ ކަންބޮޑުވުން ފާޅުކޮށް މިނިސްޓަރަށް ސިޓީއެއް ފޮނުވައި، އެ ސިޓީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، ގްރޭޓާ މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ދިނުމަށް ތައާރަފްކުރި މި ސްކީމްގެ ދަށުން ކާރުތައް ލިބުނު ނަމަވެސް، ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

އަދި އުޅަނދުތައް ރަޖިސްޓްރީ ނުކުރެވި، ވިޔަފާރިން އެއްވެސް ނަފާއެއް ނުލިބެނީސް ލޯނު ދެއްކުމަށް ބާރުއަޅަމުން ދިއުމަކީ ލޯނު ނެގި ފަރާތްތަކަށް ކުރިމަތިވާ ވަރަށް ބޮޑު ތަކުލީފެއް ކަމަށާއި އެއީ އަދުލުވެރި ގޮތެއް ނޫންކަމަށް ސިޓީގައިވެއެވެ.

އެ ސިޓީއަށް ޖަވާބު ދެއްވައި ސައީދު މިއަދު އެކްސްގައި އާންމުކުރެެއްވި ސިޓީއެއްގައި ވިދާޅުވީ، ރައްޔިތުންގެ އެފަދަ ކަންބޮޑުވުންތަކަށް އިންސާފުވެރި މަގަކުން އަވަސް ހައްލެއް ހޯދައިދިނުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކޭ ކަމަށެވެ.

ސިޓީގައި ފާހަގަކޮށްފައިވާ މައްސަލަތައް ތަހުގީގުކޮށް ބަލައިދިނުމަށް، ޓްރާންސްޕޯޓް ދާއިރާގެ މަސްއޫލުވެރިންނަށް މިހާރު އަންގަވާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދިނުންކަމަށް ސައީދު ވިދާޅުވިއެވެ.

ގާނޫނާއި ގަވާއިދުގެ ތެރެއިން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ފަހި ހައްލުތަކެއް ހޯދައިދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް ސައީދު ވިދާޅުވިއެވެ.