އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވަމުން މެންބަރު ސަލީމް ވިދާޅުވީ، "ރާއްޖެއަކީ ދުނިޔޭގެ ހުޅަނގާއި އިރުން މުދާ ހިފައިގެން ދަތުރު ކުރާ އާގުބޯޓު ފަހަރު ނުވަތަ އިނަސަންޓް މެސެޖުގެ މަގުތަކެއް އޮތް ގައުމަކަށްވެފައި ހާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް އަށް ޑިގްރީ ޗެނަލަކީ ކާގޯބޯޓް ފަހަރު ރާއްޖެ ހުރަސްކޮށް ދަތުރު ކުރާ މަޝްހޫރު މަގަކަށް ވެފައި، މިކަމުން ރާއްޖެއަށް ހޯދެން އޮތް ނަފާ ހޯދައި ލިބިގަތުމަކީ، މި ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ވެސް އަމާޒު ހިފިދާނެ އާ ސިނާއަތެއް،" ކަމަށެވެ.
ބޭރުގެ އާގުބޯޓު ފަހަރަށް މި ހިދުމަތް ދެވޭނެ ނިޒާމެއް ރާއްޖޭގައި މިހިދުން މިހިނދަށް ގާއިމު ކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހުރަސްކޮށް، އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދަލުގެ އަގު ވަނީ އެތައް ތަނަކުން އުފުލިގެން ގޮސްފައި ކަމަށާއި، ރާއްޖެ ކައިރިން ދަތުރުކުރާ އާގުބޯޓު ފަހަރުގެ އަދަދު ކޮންމެ އަހަރަކު ހާހުން ހާހުން ގުނައިލެވޭއިރު އަދި އެ ބޯޓު ފަހަރުން ގެންދާ މުދަލުގެ އަގު ބިލިޔަނުން ބިލިޔަނުން ހިއްސާ ކުރެވޭއިރު، އެ ސިނާއަތުގެ މަންފާ ހޯދުމަށް، ޓްރާންސްޝިޕްމަންޓް ޕޯޓެއް ނުވަތަ އިންޓަނޭޝަނަލް ޕޯޓް އޮފް ކޯލް ފަދަ ވަސީލަތެއް ރާއްޖޭގައި ގާއިމު ކުރެވިފައި ނެތް ކަމަށެވެ.
އަވަށްތެރި ގައުމު ތަކުގައި އެކި ފެންވަރުގެ ޓްރާންސްޕޯޓް ޝިޕްމަންޓް ބަނދަރުތައް ބާރަށް ތަރައްގީ ކުރަމުން ފުޅާކުރަމުން ދާކަންވެސް މެންބަރު ފާހަގަ ކުރެއްވިއެވެ.
"ޕާކިސްތާނާއި އިރާނާއި އިންޑިއާ އާއި ސްރީލަންކާގެ އިގްތިސޯދުން މިއަދު އެ ފެންނަނީ މި މަސައްކަތުގެ އަސަރުތައް، ރާއްޖެއަކީ މި ދެންނެވި ގައުމުތަކަށްވުރެން ބޮޑަށް މި ސިނާއަތުން މަންފާ ހޯދަން އެންމެ ފަހި ޕޮޒިޝަންގައި އޮތް ގައުމު،" ސަލީމް ވިދާޅުވިއެވެ.
އެހެންކަމުން އިހަވަންދިއްޕޮޅުން އާގުބޯޓުފަހަރަށް ހިދުމަތް ދެވޭނެ ގޮތް ހެދުމުގެ މުހިއްމު ކަމާއި އެ ކަމުގެ ސަބަބުން އުފެދޭނެ އިގްތިސޯދީ ފައިދާ ތަކާއި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތުވެސް މެންބަރުގެ ވާހަކައިގައި ވަނީ މަޖިލީހާ ހިއްސާ ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް