ޓޮޓެމްހަމްގެ ކޯޗު ނޫނޯ އެސްޕިރިޓޯ ސަންޓޯ އެ ޓީމުގެ ކޯޗުކަމުން ވަކިކޮށްފިއެވެ.
ޓޮޓެންހަމްއާއެކު މި ސީޒަނަށް ނުކުތް ނޫނޯއާއެކު މިހާތަނަށް އެ ކްލަބުން ކުޅެފައިވަނީ އެންމެ 17 މެޗެވެ. ކޯޗުގެ މަގާމުން ނޫނޯ ވަކިކޮށްފައިވާކަން ޓޮޓެންހަމްއިން ވަނީ ޔަގީންކޮށްދީފައެވެ. ނޫނޯއާއެކު ޓޮޓެންހަމްއިން ސީޒަން ފެށީ ރަނގަޅު ނަތީޖާތަކަކާ އެކުގައި ނަމަވެސް މިހާރު އެޓީމު ފެންނަނީ ފޯމު ދަށްކޮށެވެ. އެންމެފަހުން އެޓީމުން ލީގުގައި ކުޅުނު ހަތް މެޗުން ފަސް މެޗުގައި ވަނީ ބަލިވެފައެވެ. އެންމެފަހުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.
ޓޮޓެންހަމްގެ ޗެއާމަން ޑެނިއެލް ލެވީއާއި ކްލަބުގެ މެނޭޖިން ޑިރެކްޓަރު ފެބިއޯ ޕަރަޓިސީ ވަނީ ނޫނޯ ކްލަބުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް އިއްޔެ މަޝްވަރާތައް ކޮށްފައެވެ. ކުރިން ހަބަރުތައް ބުނެފައިވާ ގޮތުން ނޫނޯގެ މަގާމު ފޫބައްދަން އެންމެ އެންމެ ގާތީ ޕައުލޯ ފޮންސެކާއެވެ.
ކުރިން ރޯމާއަށް ކޯޗުކަން ކޮށްދިން އުމުރުން 48 އަހަރު ފޮންސެކާ އަކީ ކުރިންވެސް އެ ކްލަބަށް ގެންދަން މަސައްކަތް ކުރި ކޯޗެކެވެ. އެހެންނަމަވެސް އެފަހަރު ޓޮޓެންހަމްއިން ވިސްނީ ގަޓޫސޯ ގެންދިޔުމަށެވެ. ގަޓޫސޯ ގެންދަން މަސައްކަތްކޮށް އެކަން ކާމިޔާބު ނުވީ އޭނާ މީސް މީޑިއާގައި ކުރި ކޮމެންޓުތަކެއްގެ ސަބަބުންނެވެ.
އެހެންނަމަވެސް މިހާރު ވަނީ އެ ވާހަކަތައް މުޅިން ބަދަލުވެ، ޓޮޓެންހަމްއިން އެންޓޯނިއޯ ކޮންޓޭއާ ދިމާލަށް މިސްރާބު ހިފައިފައެވެ. ޗެލްސީއާއެކު ކުރިން ޕްރިމިއާ ލީގު ކާމިޔާބުކުރި ކާމިޔާބު ކޯޗު ކޮންޓޭގެ އެޖެންޓުންނާއެކު ޓޮޓެންހަމްއިން މިހާރު މަޝްވަރާތައް ފަށާފައިވާ އިރު، ޓޮޓެންހަމްއިން މަސައްކަތް ކުރަމުންދަނީ ކޮންޓޭއަށް ކްލަބުގެ ކުރިމަގުގެ ޕްލޭން ކިޔައިދިނުމަށް ކަމަށް ނޫސްތަކުން ބުނެއެވެ.
މިދިޔަ ސީޒަންގައި އިންޓަ މިލާނާއެކު ކޮންޓޭ އިޓަލިއަން ސެރެއާ އޭ ކާމިޔާބު ކޮށްފައިވާ އިރު، މިހާރު އޭނާ ހުރީ އެއްވެސް ކްލަބަކާ ހަވާލުވެގެންނެއް ނޫނެވެ.
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ
ޓޮޓެންހަމް ހޮޓްސްޕާ