މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފުކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 12,000 ކުދިންނަށް ހިލޭ ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅު ވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، އަންނަ 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމް ކުރިއަށް އޮތް އަހަރުވެސް ކުރިއަށް ދާނެ ކަމަށެވެ.
ހިލޭ ފުރަތަމަ ޑިގްރީ އަށް ކިޔެވުމުގެ ޕްރޮގްރާމާއި، ހަޔާ އެޑިއުކޭޝަން ލޯން ސްކީމް އަދި ސްކޮލަޝިޕްތަކަށް އަންނަ 2022 ވަނަ އަހަރުގެ ބަޖެޓުން ޖުމުލަ 600 މިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަތީ ތައުލީމަށް ޖުމުލަކޮށް 949 މިލިއަން ބަޖެޓުކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަ އަމީރު ވިދާޅުވީ، މިއީ މިހާތަނަށް މަތީ ތައުލީމު ފޯރުކޮށްދިނުމަށް އެއް އަހަރެއްގެ ތެރޭ އެންމެ ބޮޑަށް ހަރަދުކުރަން ރާވާފައިވާ ފަހަރު ކަމަށެވެ. އަދި މިއީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމު ހޯދުމުގައި ހުރި ހުރަސްތައް ނައްތާލައި، މީހުން ބިނާކޮށް، ދިވެހި ވަޒީފާގެ ބާޒާރުގައި ދިވެހި މަސައްކަތްތެރިންގެ ދައުރު އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.