ކޮވިޑު-19ގެ ސަބަބުން ދިމާވި މާލީ ދަތިތަކުން އަރައިގަނެ އާންމު ހާލަތަށް ރޫޖުއަ ވެވުނީ، އިގުތިސޯދީ ހަރަކާތްތައް އިތުރުކުރަން ސަރުކާރުން އެޅި ހަރުދަނާ މާލީ އަދި އިގުތިސޯދީ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ދެހާސް ބާވީނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައި ދެއްވަމުން އަމީރު ވިދާޅުވީ، 2021 ވަނަ އަހަރުގެ ބެޖެޓު ފާސްކުރިއިރު ރާއްޖޭގެ އިގުތިސޯދީ ހާލަތު އޮތީ މިއިން ޒަމާނަކުވެސް ނުދެކޭ ފަދަ ދަތި ހާލަތެއްގައި ކަމަށެވެ. އަދި 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސޯދު ވަނީ އޭގެ ކުރީ އަހަރަށްވުރެ 33.5 ޕަސަންޓު ކުޑަވެފައި ކަމަށާއި ކޮވިޑުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ ތެރެއިން ގާތްގަޑަކަށް 36 ބިލިއަން ރުފިޔާ ގެއްލިގެންދާނެ ކަމަށް އޭރު ބެލެވުނު ކަމަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ އެ 36 ބިލިއަން ރުފިޔާ ގެއްލުނަ ނުދިނުމުގެ ގޮތުން ދަރަނި ނަގަން ޖެހުނު ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި ކަމަށެވެ. ނަމަވެސް ދަރަނި ނެގުމުގެ ސަބަބުން ކޮވިޑުގެ ސަބަބުން ދިމާވި އިގުތިސޯދީ ހާލަތުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ކުރި މިންވަރު ކުޑަކުރެވި ގިނަ އަދަދެއްގެ ވާޒިފާ ދެމެހެއްޓި، ވަޒީފާއިން ކަނޑާލި މީހުންނަށް އެހީތެރިކަމެއް ފޮރުކޮށްދެވުނު ކަމަށެވެ. އަދި ކަރަންޓު ބިލާއި ފެން ބިލަށް ޑިސްކައުންޓު ދީ، ރައްޔިތުންގެ އަތުން ހޭދަކުރާ މިންވަރު މަދުކުރެވިގެން ދިޔަ ކަމަށެވެ.

ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. މިއަދު އެކަމާ ގުޅިގެން އަމީރު ވިދާޅުވީ، މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމާއެކު އިގުތިސޯދަށް އަލުން އާރާސްތުވެގެން ދިޔަ ކަމަށެވެ. އެ ނިންމުމުގެ ސަބަބުން މިއަހަރަށް ކަނޑައެޅި އެއް މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒު ހާސިލުވެ، މީގެ ދެ ދުވަސްކުރިން އެކަން ސަރުކާރުން ފާހަގަކުރި ކަމަށެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ، ކޮވިޑް 19 ގެ ހާލަތަށްފަހު މިއަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުން އަންނަ ފަސް އިގުތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާ ކަމަށެވެ.