ޚަބަރު

އާ 16 ކުލާސްރޫމާ އެކު އދ އަތޮޅު ތައުލީމީ މަރުކަޒު އެއްދަންފަޅިއަށް ބަދަލުކޮށްފި

ރިފާ ހަލީލު

އދ. އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން މާދަމާއިން ފެށިގެން އެއްދަންފަޅިއަށް ބަދަލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އައިޝަތު އަލީ މިހެން ވިދާޅުވީ އދ. އަތޮޅު ތައުލީމީ މަރުކަޒުގެ 16 ކުލާސްރޫމުގެ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް ފަސްމީރު ކުރިރުކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށް މިހާރު އޮތް އެންމެ ބޮޑު ދައްޗަކީ، މަދަރުސާތައް ދެ ދަންފަޅިއަށް ހިންގުން ކަމަށާއި މާދަމާއިން ފެށިގެން އދ. އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން އެއްދަންފަޅިއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ރަސްމީ މުގައްރަރުތަކުގައި ކިޔަވައިދޭ ތަކެތި ކިޔަވައިދިނުމަށް ފަހު، ހަށިގަނޑުގެ ތަރުބިއްޔަތާއި ސުލޫކުގެ އެކި ކަންކަން ކިޔަވައިދޭނޭ ޖާގައެއް، ވަގުތެއް، މާހައުލެއް ސްކޫލުން ފޯރުކޮށްދެވެން ނެތް ކަމަށާއި އެހެންކަމުން މިސަރުކާރުގެ މައިގަނޑު އެއް ސިޔާސަތަކީ އަޅުގަނޑުމެންގެ ސްކޫލުތަކަކީ އެއް ދަންފަޅިއަށް ހިންގޭ ސްކޫލުތަކަކަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއިރުން މެންދުރު ފަހުގައި ރަސްމީ މުގައްރަރުތަކުގައިވާ ބައިތައް ކިޔަވައިދިނުމަށް ފަހު، ދަރިވަރުންގެ އަހުލާގީ ބައިތައް އެކުދީންގެ ކިބައިގައި އަށަގެންނެވުމަށް ފުރުސަތު ލިބޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލްތައް އެއް ދަންފަޅިއަށް ކުރަން ޖެހޭ ކަންކަން ދެނެގަތުމަށް، ސަރުކާރުން މިހާރުގެ ހާލަތު ދެނެގަނެ އޮޑިޓް ކޮށްފައިވާ ކަމަށާއި އަދި ބަޖެޓްގައި ހިމަނައިގެން މި މަސައްކަތް ކުރުމަށް ފަށައިގަނެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މިހާރުވެސް ތައުލީމީ ދާއިރާގައި ސްކޫލުތަކަށް އުމްރާނީ ތަރައްގީ ގެނައުމަށް މުޅިއެކު 166 ޕްރޮޖެކްޓު ހިންގާ ކަމަށާއި އޭގެ ތެރޭގައި ޖުމުލަ 1039 ކުލާސްރޫމާއި، 66 މަލްޓިޕާޕަސްހޯލާއި 215 އެހެނިހެން އިމާރާތްތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ލެބޯރަޓަރީ، ލައިބްރަރީ، ސްޓާފް ރޫމް، އޮފީސް އިމާރާތް ފަދަ އިމާރާތްތައް ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ.

އދ. އަތޮޅު ތައުލީމީ މަރުކަޒު ހުންނަ މަހިބަދޫގެ ކޮންމެ ދަރިވަރަކީ ފަސްމީރު ކުރިރުކަކަށް ހެދުމަށް، މަދަރުސީ ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންގެ ކިބައިގައި ބޭނުންތެރި ހުނަރާއި ރަނގަޅު ހުލްގު އަށަގެންނެވުމަށް ފަހި މާހައުލެއް މިއަދު ލިބިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މިތާ ޖަމާވެގެން މި ތިބީ 2014ވަނަ އަހަރުން ފެށިގެން މަހިބަދޫ ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރެއްގެ ފޮނި ނިމުން ފާހަގަކުރަން. މިއަދު އަޅުގަނޑުމެން މިތާ ޖަމާވެގެން މި ތިބީ، 6 ކުލާސްރޫމްގެ ހުވަފެނަކުން އޭރު ފެށިގެން އައި އުއްމީދު، 2019ވަނަ އަހަރު 16 ކުލާސްރޫމްގެ ބޮޑު އިމާރާތަކަށް ބަދަލުވެ، ބަޖެޓުކުރެވި، އިމާރާތް އަޅައި ހުޅުވޭ ރަސްމިއްޔާތު ފާހަގަކުރަން. މިއީ ލިބޭ ފަހުރެއް." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސްކޫލު އެއްދަންފަޅިއަށް ބަދަލުކުރެވުމުން އެކަމުގެ އެދެވޭ މަންފާ، ދަރިވަރުންގެ އުޅުމުންނާއި އަހުލާގުން ފެނުމަކީ އުއްމީދު ކުރައްވާ ކަމެއް ކަމަށެވެ. އަދި ދަރިވަރުންގެ ކިބައިގައި ކުރީން ނުހުންނަ ހުނަރުތައް އަށަގަނެގެން ދިއުމަކީވެސް އުއްމީދު ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ. ސްކޫލްތައް ތަރައްގީކުރުމަށް ކުރާ ކޮންމެ ކަމެއްގެ އަމާޒަކީ، ދަރިވަރުން ކަމަށާއި އެކުދީންގެ އުޅުމާއި ކެރުމާއި އިސްނެގުމާއި ކިޔެވުން ކަމަށްވެސް ވިދާޅުވި އެވެ.