ޚަބަރު

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހަތަރު ރަށެއް ދޫކުރަނީ

މުހައްމަދު އިޝާން

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހަތަރު ރަށެއް ހިއްކައިގެން އެ ތަންތަން ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން އަމީރު ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމަށް ރަށްތައް ދޫކުރުމަށް ރާވާފައިވަނީ މޯލްޑިވްސް ފަންޑްސް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) މެދުވެރިކޮށް ކަމަށެވެ. އެ ރަށްތައް ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުން، ދައުލަތުގެ އާމްދަނީ އިތުރުވާނީ މި ވިޔަފާރިން އެމްއެފްއެމްސީއަށް ވާ ފައިދާ އިން ދައުލަތަށް ދޭ ޑިވިޑެންޑުގެ އަދަދަށް ރިއާޔަތްކޮށް ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރުމަށް އެމްއެފްއެމްސީ ކުރަންޖެހޭ ހަރަދުތައް ދައުލަތުގެ ބަޖެޓަށް ބުރަނުވާނޭހެން ހިފެހެއްޓުމަށާއި މި މަސައްކަތުން ދައުލަތަށް އާމްދަނީ އިތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް، އެ ވިޔަފާރި ހިންގުމުން އަންނަ އަހަރު އިންޓެރިމް ޑިވިޑެންޑް ޑިކްލެއާ ކުރުމަށް ރާވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ޑިވިޑެންޑުގެ ގޮތުގައި 231 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ހަރަދުގައި ހިއްކާފައިވާ ބިމަށް ކޮށްފައިވާ ހަރަދުގެ ބައެއް އަނބުރާ ހޯދުމުގެ ގޮތުން، އެފަދަ ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ހޯދަން ވެސް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ.

ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން އަމީރު ވިދާޅުވީ، މިދިޔަ އަހަރު ދައުލަތުގެ އާމްދަނީ އެ އަހަރަށް އަންދާޒާ ކުރި މިންވަރާ އަޅައިބަލާއިރު، ދެބައިކުޅަ އެއްބައިން ދަށަށް ދިއުމާއެކު، ދައުލަތުގެ ހަރަދުތައް ފޫބައްދަން ޖެހުނީ ދަރަނިން ކަމަށެވެ. ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށަށް ދިއުމާއެކު، ހަރަދު ކުޑަކުރުމަށް ގިނަގުނަ ފިޔަވަޅުތައް އެޅި ކަމަށާއި، އެ ފިޔަވަޅުތަކުގެ ސަބަބުން 2020 ވަނަ އަހަރުގެ ބަޖެޓު ފާސްކުރި މިންވަރަށްވުރެ 8.8 ބިލިއަން ރުފިޔާ ކުޑަވި ކަމަށް ވެސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.