އަންނަ ނޮވެމްބަރު މަހު ކުރީކޮޅު އަންނަ ބަންދު ދުވަސް ތަކާ ގުޅިގެން މެދަށް ވަންނަ ރަސްމީ އެއްވެސް ދުވަހެއް ބަންދުކުރަން އަދި ހަމަޖައްސާފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މާދަމާ ނޮވެމްބަރު މަސް ފެށޭ އިރު، ނަސްރުގެ ދުވަސް ކަމަށްވާ ނޮވެމްބަރު 3 ދިމާވަނީ ބުދަ ދުވަހަކަށެވެ. 4 ވަނަ ދުވަސް ސަރުކާރު ހުޅުވޭ ރަސްމީ ދުވަހެއްގެ ގޮތުގައި ކަލަންޑަރުގައި އޮވެފައި، 5 އަދި 6 އެހީ ހުކުރު ހޮނިހިރު ދުވަހެވެ. އެއަށް ފަހު ގުޅިގެން އަންނަ ނޮވެމްބަރު 7 ވާ އާދީއްތަ ދުވަހަކީ ވެސް ކަލަންޑަރުގައިވާ ގޮތުން ރަސްމީ ބަންދު ދުވަހެކެވެ. އެއީ ރާއްޖެ އިސްލާމްވީ ދުވަހެވެ. އެހެން ކަމުން މެދަށް ހުޅުވިފައި އޮންނަ ދުވަހެއްގެ ގޮތުގައި ވަންނަ 4 ވާ ބުރާސްފަތި ދުވަސް ބަންދު ކުރާނެ ކަމަށް ބުނެ ބައެއް މީހުން އަންނަނީ ވާހަކަދައްކަމުންނެވެ. އަދި އެގޮތަށް ބަލައިގެން ޗުއްޓީ ވެސް އަންނަނީ ރާވަމުންނެވެ.
ނޮވެމްބަރު 7 އެއީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި އޮތުމަށްފަހު، 8 އިން 10 އަށް (ހޯމަ އަންގާރަ، ބުދަ) އޮތީ އަނެއްކާވެސް ސަރުކާރު ހުޅުވޭ ރަސްމީ ތިން ދުވަހުގެ ގޮތުގަ އެވެ. ރާއްޖޭގެ ޖުމުހޫރީ ދުވަސް، ނޮވެމްބަރު 11 ދިމާވަނީ ބުރާސްފަތި ދުވަހާ އެވެ. އެހެން ކަމުން ބުރާސްފަތީން ހޮނިހިރަށް އަނެއްކާވެސް ބަންދު ވާނެ އެވެ.
މަބްރޫކް "ވަން" އަށް ވިދާޅުވީ ސަރުކާރު ހުޅުވޭ ގޮތަށް މި ހުރި ދުވަސްތައް ބަންދުކުރުމުގެ ނިންމުމެއް ރައީސުލްޖުމްހޫރިއްޔާގެ އަދި ނެތް ކަމަށެވެ.
"އެފަދަ ނިންމުމެއް ނެތް. އަދި މި އޮތީ އެދުވަސްތަކަކީ ހަމަ ރަސްމީ ދުވަސްތަކެއްގެ ގޮތުގައި، ސަރުކާރު ހުޅުވިފަ އޮންނަ ދުވަސްތަކުގެ ގޮތުގައި ބާއްވާ ގޮތަށް." މަބްރޫކް ވިދާޅުވި އެވެ.