އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި 400 އަށްވުރެ ގިނަ އާ ޓީޗަރުން ހޯދަން ހިމަނައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހަށް 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ 4.1 ބިލިއަން ރުފިޔާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ އަކީ ރިކަރެންޓް ހަރަދެވެ. އޭގެތެރޭގައި ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދަށް 2.3 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ. އަންނަ އަހަރުގެ އެ ބަޖެޓުގައި 400 އަށްވުރެ ގިނަ އާ ޓީޗަރުން ހޯދަން ހިމަނާފައިވާ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު ވިދާޅުވީ، ސްޓޫޑެންޓް ލޯނަށް 240 މިލިއަން ރުފިޔާ އަދި ދަރިވަރުންގެ އެހެނިހެން ސްކޮލަޝިޕާއި ތަމްރީނުތަކަށް 208 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާނެ ކަމަށެވެ.

ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފުކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމުގެ ދަށުން 12,000 ކުދިންނަށް ހިލޭ ޑިގްރީ ކިޔެވުމުގެ ފުރުސަތު ފަހިކޮށްދީފައިވާނެ ކަމަށް ވެސް ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވިއެވެ. ހިލޭ ޑިގްރީ ޕްރޮގްރާމަށް އަންނަ އަހަރުގެ ބަޖެޓުގައި 159 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

މީގެ އިތުރުން ސްކޫލް ދަރިވަރުންނަށް ސަރުކާރުން ދޭ އެހީގެ ގޮތުގައި 170 މިލިއަން ރުފިޔާ ވެސް އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފައިވެއެވެ. ސްކޫލް ދަރިވަރުންގެ ނާސްތާ ޕްރޮގްރާމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 135 މިލިއަން ރުފިޔާއެވެ.

މަޖިލީހަށް ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން އަމީރު އިތުރަށް ވިދާޅުވީ، ދެ ރަށެއްގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރު ގާއިމުކުރުމަށް 19 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ. އަދި 141 ރަށެއްގައި ތައުލީމީ ދާއިރާގެ 177 މަޝްރޫއެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 31 ރަށެއްގެ ސްކޫލުތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީކުރުމުގެ އާ މަޝްރޫއުތައް ހިމެނޭ އިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ އާ ތިން ސްކޫލުގެ މަޝްރޫއު ވެސް ހިމެނޭ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާ ސްކޫލެއް އިމާރާތްކުރުމަށް 29 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނައިފައެވެ.