ޚަބަރު

ދައުލަތުގެ ބަޖެޓު: ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.5 ބިލިއަން ދޫކުރަން ހިމަނައިފި

މުހައްމަދު އިޝާން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދިނުމަށް ހިމަނައިފިއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 2019 ވަނަ އަހަރު ގެނައި އިސްލާހުގެ ދަށުން، އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ މަދުވެގެން ފަސް އިންސައްތަ އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސަންޓު ކައުންސިލްތަކަށް ދޫކުރަން ޖެހެއެވެ.

މިއަދު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެއީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވޭތީ ބްލޮކް ގްރާންޓް ނުވަތަ ހިލޭ އެހީގެ ގޮތުގައި ކައުންސިލްތަކަށް 1.5 ބިލިއަން ރުފިޔާ ދިނުމަށް ބަޖެޓުގައި ހިމަނާފައިވާ ކަމަށެވެ.

މިއީ 2021 ވަނަ އަހަރު ކައުންސިލްތަކަށް ދޫކުރާނެ ފައިސާއާ އަޅައިބަލާއިރު 19.8 އިންސައްތަ އިތުރު އަދަދެއް ކަމަށް ވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ބްލޮކް ގްރާންޓު، ކައުންސިލްތަކަށް ބަހާ ނިސްބަތަކީ؛

ރަށު ކައުންސިލްތަކަށް 72 ޕަސެންޓު އަތޮޅު ކައުންސިލްތަކަށް ނުވަ ޕަސެންޓު ސިޓީ ކައުންސިލްތަކަށް 19 ޕަސެންޓު

ލާމަރުކަޒީ ގާނޫނުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޫކުރަން ފެށީ 2020 ވަނަ އަހަރުގައެވެ.

އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ، 2022 ވަނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 24.3 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ 2021 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެ ކަމަށް މިހާރު ލަފާކުރެވޭ އާމްދަނީއާ އަޅައި ބަލާއިރު 23 އިންސައްތަ އިތުރު އަދަދެއް ކަމަށާއި، 2022 ވަނަ އަހަރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ އިރު ޓެކްސް ނޫން އެހެން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ހަ ބިލިއަން ރުފިޔާ ލިބޭނެ ކަަމަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.