އަންނަ އަހަރު ރާއްޖޭގެ އިގުތިސޯދީ، ސިނާއީ ކުރިއެރުމާއެކު، ކޮވިޑް 19ގެ ކުރިން ހުރި މިންވަރަށްވުރެ މައްޗަށް ރާއްޖޭގެ ވަޒީފާގެ އަދަދު ގެންދެވޭނެ ކަމަށް މިނިސްޓަރު އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަންނަ 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑް 19 އާއެކު، ރާއްޖޭގެ އިގުތިސޯދުގައި ހުރި ވަޒީފާގެ އަދަދު ދަށްވި، ނަމަވެސް ހެޔޮ ހަބަރަކީ މި އަހަރުގެ ބައެއް މަސްތަކުގައި ރާއްޖޭގެ ޕެންޝަން އޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ އަދަދު 2019 ވަނަ އަހަރަށްވުރެ ވެސް ރަނގަޅުވެގެން ދިއުން ކަމަށެވެ.
ކޮވިޑް-19 އާ އެކު ރާއްޖޭގެ ބޯޑަރު ބަންދުވި ހާލަތުގައި، ރާއްޖޭގެ އިގުތިސޯދު ދެމެހެއްޓީ އެތެރޭގެ އިގުތިސޯދުން، ރާއްޖޭގެ އެތެރޭގައި ކުރި ވިޔަފާރި މުއާމަލާތްތަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ފޯރުކޮށްދިން އެހީ އާއި ވިޔަފާރިތަކުގެ މަސައްކަތުން ހަރަދު ކުރާ މިންވަރު ބޮޑުތަނުން ދަށް ނުވެ ކުރިއަށް ގެންދެވުނު ކަމަށާއި، މިއީ ކޮވިޑް-19 އާ އެކު ގޭބިސީތަކާއި ވިޔަފާރިތަކަށް ދިން އެހީގެ އެއް ބޭނުން ކަމަށްވެސް ވިދާޅުވިއެވެ.
"މީގެ ސަބަބުން އިންފްލޭޝަން މައްޗަށް ގޮސްދާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން އުފުލި. އަޅުގަނޑުމެންވެސް މަސައްކަތް ކުރީ އިންފްލޭޝަނަށާއި ރާއްޖޭގެ އިގްތިސޯދުގެ މުހިއްމު އިންޑިކޭޓަރުތަކަށް ބަލައިގެން. މިގޮތުން ރާއްޖޭގެ އިންފްލޭޝަން ރޭޓް 2021 ވަނަ އަހަރު އެވަރެޖްކޮށް ހުންނާނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކުން ލަފާކޮށްފައިވަނީ 0.7 އިންސައްތައިގައި. އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 1.1 އިންސައްތައިގައި. މިއީ ނިސްބަތުން ދަށް، ކޮންޓްރޯލް ވެފައިވާ އިންފްލޭޝަން ރޭޓެއް،"
ނަމަވެސް ދުނިޔޭގެ އިގުތިސޯދު ބާރު ސްޕީޑުގައި ބައުންސްބެކް ވަމުން ދިއުމުން ސަޕްލައިޗޭނަށް އައިސްފައިވާ ޕްރެޝަރާއެކު ކުރު ރާސްތާގައި އިންފްލޭޝަން މައްޗަށް ދިއުމުގެ ހިރާސް އޮތްކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.
"ނަމަވެސް މެދުރާސްތާގައި މި ހިރާސް ކުޑަވެގެންދާނެ ކަމަށް ބެލެވޭ. މީގެ އިތުރުން، ރާއްޖޭގެ ރަސްމީ ރިޒާވް 2020 ވަނަ އަހަރު ހުރީ ރިކޯޑް މިންވަރަކަށް މަތީގައި. އެއީ އިމްޕޯޓް ދަށްވުމާއި، ރިޒާވަށް އައިސްދާނެ ލޮޅުމަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން ފިޔަވަޅުތައް އަޅާފައިވާތީ. އިގްތިސޯދު ހުޅުވި، އިމްޕޯޓް ކުރާ މިންވަރު މަތިވުމާއެކު، ރަސްމީ ރިޒާވްގައި 2021 ވަނަ އަހަރު ނިމޭއިރު ހުންނާނީ 672 މިލިއަން ޑޮލަރު. 2022 ވަނަ އަހަރު ނިމޭއިރުވެސް ރަސްމީ ރިޒާވް ހުންނާނީ ގާތްގަނޑަކަށް މި މިންވަރުގައި ހިފެހެއްޓިފައި ކަމަށް ބެލެވޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު