ޚަބަރު

ސްކޫލް ދަރިވަރުންނަށް ރައްކާތެރިކަން މާހައުލެއް ގާއިމުކުރަން މަޖިލިސްއަށް ހުށަހަޅައިފި

މުހައްމަދު އިޝާން

ސްކޫލްތަކުގެ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމު ކުރަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމުއެވެ.

ގަލޮޅު މަދަރުސާގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފެންމަތިވިއިރު އެ ކަމުގައި ފިޔަވަޅުތައް އެޅި ގޮތާ މެދު ވަރަށް ބޮޑަށް ޝިޔާމް ހުށަހެޅުއްވި މައްސަލާގައި، ފާޑުވިދާޅުވެފައިވެއެވެ. ސްކޫލުގައި ކެމެރާ ހަރުކޮށްފައި ނެތުމުން އެކަމަށް ވެސް ޝިޔާމު ވަނީ ފާޑުވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުން ފަދަ ހައްސާސީ މައްސަލަތަކުގައި މެޑިކަލް ރިޕޯޓް އަވަހަށް ހެދޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަން ޖެހޭއިރު، އެ މައްސަލާގައި މެޑިކަލް ރިޕޯޓް ހެދުން ލަސްވުމަކީ ވެސް ލިބުނު އަނިޔާގެ މިންވަރު ދެނެގަތުމެއް އެޅޭ ހުރަހެއް ކަމަށެވެ.

ފިޔަވަޅު އެޅުމާއި އަދި ނިންމަން ޖެހޭ ނިންމުންތައް ނިންމުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ލަސްވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައްސަލައިގެ ފުރިހަމެއް ތަހުގީގެއް ހިންގުމަށާއި، އެ ކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށާއި، މިފަދަ ކަންކަން ތަކުރާރު ނުވާ ފަދަ ގޮތަކަށް ސްކޫލްތަކުގެ ނިޒާމު ހަރުދަނާކޮށް، ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމު ކުރަން ޝިޔާމްގެ ގޮވާލައްވާފައިއެވެ.

ގަލޮޅު ސްކޫލްގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލާގައި މަސައްކަތު އަންހެނަކަށް ތުހުމަތުކުރެވިފައި ވާތީ މިހާރު އެ ސްކޫލުގެ ހުރިހާ މަސައްކަތު އަންހެނުން ވަނީ ސަސްޕެންޑުކޮށްފައެވެ.